ދިވެހިރާއްޖޭގެ ނިޒާމީ ތަޢުލީމުގެ އުނގުކަމަށްވާ މަޖީދިއްޔާ ސްކޫލަށް 98 އަހަރު ފުރުމުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ތަހުނިޔާ ފޮނުއްވައިފިއެވެ.
ސޯޝަލް މީޑިޔާގައި ފޮނުއްވި މެސެޖެއްގައި ރައީސް ވިދާޅުވި ގޮތުގައި މަޖީދިއްޔާއަކީ ޤައުމުގެ އެންމެ ޝަރަފްވެރި “ޢިލްމީ ބަގީޗާ” އެވެ. އަދި މަޖީދިއްޔާގެ ހަނދާންތައް ދިވެހި ތާރީޚުގައި ބިންވަޅު ނެގިފައިވަނީ ފަނޑުވުމެއްނެތް ޒިކުރާތަކާ އެކުގައި ކަމަށް ފާހަގަކުރެއްވިއެވެ.
އަހަރީ ދުވަހާއި ގުޅިގެން ހިއްސާކުރެއްވި ޕޯސްޓުގައި އެމަނިކުފާނު ވަނީ މަޖީދިއްޔާ ސްކޫލަށް 98 އަހަރު ފުރުމުގެ މުނާސަބަތުގައި، ސްކޫލުގެ އެހާރާ މިހާރުގެ ދަރިވަރުންނަށާއި، ބެލެނިވެރިންނާއި، މުދައްރިސުންނާއި، ހިންގުންތެރީންނަށް އަދި ޚިދުމަތްތެރީންނަށް ދުވަހުގެ ހެޔޮއެދުންތައް ފޮނުއްވާފައެވެ.
އެމަނިކުފާނުގެ ޕޯސްޓު ނިންމަވާލެއްވީ، މަޖީދިއްޔާ ސްކޫލުގެ ލަވައިގެ ބައިތުތަކަކުންނެވެ.
ރާއްޖޭގެ ނިޒާމީ ތަޢުލީމު ފެށިގެންދިޔައީ 1927ވަނަ އަހަރުގެ އޭޕްރިލް 19ވަނަ ދުވަހު މަދަރުސަތުއްސަނިއްޔާއާ އެކުއެވެ. އެއީ އައްސުލްތާން މުޙައްމަދު ޝަމްދުއްދީން 3ގެ އިސްނެންގެވުމާއެކުގައެވެ. މިހާރުގެގޮތުން ނަމަ އެއީ މަޖީދިއްޔާ ސްކޫލެވެ.



