މުޖުތަމައުގައި ފެތުރެމުންދާ ނޭދެވޭ އިޖުތިމާއީ ބަލިތަކުން މުޖުތަމައު ސަލާމަތްކުރުމަކީ އިލްމުވެރިންގެ މައްޗަށް ލާޒިމު ކަމެއްކަމަށް ރައީސް މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. މިފަދައިން ރައީސް ވިދާޅުވީ ރޭ ބޭއްވުނު އިސްލާމީ ޔުނިވަރސިޓީގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގައެވެ.
ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ފާހަގަކުރެއްވި ގޮތުގައި ރިވެތި އަޚްލާޤީ މިންގަނޑުތަކަށް ފެތޭ މުޖުތަމަޢެއް ބިނާކުރުމަށް އެންމެން އެކުގައި މަސައްކަތްކުރުމަކީ މިއަދުގެ މުހިންމު ބޭނުމެކެވެ. އަދި ޤައުމުގެ ކުރިމަގު އުޖާލާކުރުމަށް ބޭނުންވާ ވިސްނުމާއި ފިކުރު އަޅުގަނޑުމެންގެ ކިބައިގައި ނެތްނަމަ، އިޞްލާޙީ މަސައްކަތްތައް ކާމިޔާބު ނުވާނެ ކަމަށް ވެސް ވިދާޅުވިއެވެ.
މި ރަސްމިއްޔާތުގައި ރައީސް އިޢުލާނު ކުރެއްވި ގޮތުގައި އިސްލާމީ ޔުނިވަރސިޓީގެ ވަސީލަތްތައް އިތުރުކޮށް، ތަނުގެ ޖާގަ ފުޅާކުރުމަށް ސަރުކާރުން ޚާއްޞަ އިސްކަމެއް ދޭނެއެވެ. އަދި މިކަންކަން ކުރިއަށް ގެންދިއުމަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދެއްވާނެ ކަމުގެ ޔަޤީންކަން ވެސް ދެއްވިއެވެ.
ތަޢުލީމީ ދާއިރާގެ ތާރީޚީ މި ރަސްމިއްޔާތަކީ ދިވެހިރާއްޖޭގެ މަތީ ތަޢުލީމީ މުއައްސަސާއަކުން ފުރަތަމަ ފަހަރަށް އޮނަރަރީ ޑޮކްޓަރޭޓްގެ ޝަރަފު އެރުވި ރަސްމިއްޔާތު ވެސް މެއެވެ.
އަދި ރައީސް އިތުރަށް ފާހަގަކުރެއްވި ގޮތުގައި މައިންބަފައިންނާއި ތަޢުލީމީ މުއައްސަސާތަކުން ދަރިވަރުންނަށް ހެޔޮ މަގު ދައްކައިދީ، އެ ކުދިންގެ ކުރިއެރުމަށް މަގުފަހިކޮށްދިނުމަކީ މުހިންމު ކަމެކެވެ. މި މަސައްކަތުގައި އެންމެން ބައިވެރިވެ، ގުޅިގެން މަސައްކަތްކުރުމުގެ މުހިންމުކަން ވެސް ރައީސް ފާހަގަކުރެއްވިއެވެ.



