ޤައުމީ ދިފާޢީ ބާރު ވަރުގަދަކުރުމަށް ކުރެވޭ މަސައްކަތްތަކަކީ ފަޚުރުވެރިވާންޖެހޭ ކަންކަން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވެފައިވަނީ 133 ވަނަ ސިފައިންގެ ދުވަހުގެ މުނާސަބަތުގައި ކަޅުތުއްކަލާ ކޮށީގައި ބޭއްވި ރަސްމިއްޔާތުގައެވެ.
ސިފައިންގެ އެންމެ މަތީ ވެރިޔާގެ ހައިސިއްޔަތުން ވާހަކަފުޅު ދައްކަވަމުން ރައީސް މުޢިއްޒު ވިދާޅުވީ، ސިފައިންގެ ޚިދުމަތް ތަރައްޤީކޮށް، އެ މުއައްސަސާގެ ޤާބިލުކަން އިތުރުކުރުމަކީ ޤައުމީ ސަލާމަތަށް ކޮންމެހެން މުހިންމު ކަމެއް ކަމަށެވެ.
ރައީސް މުޢިއްޒު ފާހަގަކުރެއްވި ގޮތުގައި، ދިވެހިރާއްޖޭގެ ޖިއޮގްރަފިކަލް ސަރަހައްދުގެ 99 އިންސައްތައަކީ ކަނޑުގެ ސަރަހައްދެވެ. އެހެންކަމުން މި ސަރަހައްދު ރައްކާތެރިކޮށް ބެލެހެއްޓުމަކީ އެންމެ އިސް އަހަންމިއްޔަތުކަމެއް ދޭންޖެހޭ ކަމެކެވެ.
“ޤައުމުގެ މިނިވަންކަމާއި ސިޔާދަތު ހިމާޔަތްކުރުމަކީ އަޅުގަނޑުގެ އެންމެ އިސް ވާޖިބު. އަދި މި މަސައްކަތުގައި އެންމެ މުހިންމު ދައުރެއް އަދާކުރަނީ ދިވެހި ސިފައިން،” ރައީސް މުޢިއްޒު ވިދާޅުވިއެވެ.
އަދި ދިވެހިރާއްޖޭގެ އެކްސްކްލޫސިވް އިކޮނޮމިކް ޒޯން (އީއީޒެޑް) ހިމާޔަތްކުރުމަށް މިހާތަނަށް ކުރެވިފައިވާ މަސައްކަތްތަކަކީ ފެށުމެއް ކަމަށާއި، ކުރިއަށް އޮތް ތަނުގައި މި ދާއިރާއަށް އިތުރު ވަސީލަތްތައް ހޯދައި، ސިފައިންގެ ޤާބިލުކަން އިތުރުކުރެވޭނެ ކަމަށް ރައީސް މުޢިއްޒު ވިދާޅުވިއެވެ.
ރައީސް މުޢިއްޒު އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ޤައުމީ ދިފާޢީ ބާރު ވަރުގަދަކުރުމާމެދު ފާޑުކިޔާ ފަރާތްތަކަކީ ޤައުމީ ލޯބި ގެއްލިފައިވާ ބައެކެވެ. އަދި މިފަދަ ވިސްނުންތަކުން ޤައުމު ސަލާމަތްކުރުމަކީ ކޮންމެ ދިވެއްސެއްގެ ޒިންމާއެއް ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.




ސިފައިންނަށް މާލޭ ސަރަހައްދުން ބޯހިޔާވަހިކަން ހޯދާއި ދިނުމަށް ދައުލަތުން އެބަޖެހޭ މަސައްކަތް ކުރަން އަނބި ދަރިންނާއެކު ބޮޑެތި ކުލި ތަކަށް ކޮޓަރިތައް ނަގައިގެން ވަރަށް ހާލުގައި ދިރިއުޅެމުން ދާ ސިފައިން އެބަތިބި މި މީހުންނަށް ފުލެޓް ގަނޑެއް ވެސް ލިބެނީކީނޫން!