ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ކުޑަގިރީގައި ކެފޭއެއް ހިންގުމަށް ޔުނިޓެއް ކުއްޔަށް ދިނުމަށް ޝައުގުވެރިވާ ފަރާތްތަކަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
މި މަޝްރޫޢުގެ ދަށުން ކުއްޔަށް ދޫކުރުމަށް ހަމަޖެހިފައިވަނީ 1،541.71 އަކަފޫޓުގެ ބޮޑުމިނުގެ ޔުނިޓެއްކަމަށް އެޗްޑީސީން މަޢުލޫމާތު ދީފައިވެއެވެ. މި ޔުނިޓަކީ ކުޑަގިރީގެ ޔުނިޓް ނަންބަރު KPI01-G-01 އެވެ.
މި ފުރުސަތަށް ޝައުގުވެރިވާ ފަރާތްތަކުން ޕްރޮޕޯސަލް ހުށަހެޅުމުގެ ސުންގަޑިއަކީ 2025 ވަނަ އަހަރުގެ މެއި މަހުގެ 13 ވާ އަންގާރަ ދުވަހުގެ 14:00 ކަމަށް އެޗްޑީސީން ބުނެފައިވެއެވެ. އަދި ހުށަހަޅާ ޕްރޮޕޯސަލްއާއެކު ބިޑް ސެކިއުރިޓީއެއް ހުށަހަޅަންޖެހޭނެ ކަމަށްވެސް އެ ކުންފުނިން ފާހަގަކޮށްފައިވެއެވެ.
މި ޕްރޮޖެކްޓާ ގުޅޭ އާރްއެފްޕީ ޑޮކިއުމަންޓް އެޗްޑީސީގެ ވެބްސައިޓް www.hdc.mv އަދި properties.hdc.mv އިން ޑައުންލޯޑް ކުރެވެން ހުންނާނެކަމަށް އެޗްޑީސީން މަޢުލޫމާތު ދީފައިވެއެވެ. އިތުރު މަޢުލޫމާތު ހޯދުމަށް އެޗްޑީސީގެ ބިޒްނަސް ޑިވެލޮޕްމަންޓް އެންޑް ސޭލްސް ޑިޕާޓްމަންޓާ ގުޅުމަށް އެ ކުންފުނިން އަންގާފައިވެއެވެ.
ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ކަނޑައަޅާފައި އޮންނަ ކުޑަގިރީގައި ކެފޭއެއް ހިންގުމަށް ޔުނިޓެއް ކުއްޔަށް ދިނުމަށް ހުޅުވާލިއިރު، މިޙާރުވެސް ކުޑަގިރީގައި ކެފޭއެއް ހިންގަމުންދެއެވެ.



