މިދިޔަ ހުކުރު ދުވަހު މާލޭގެ ގެއެެއްގެ ފުރާޅު މައްޗަށް ޒުވާން އަންހެނަކު ވެއްޓުނު މައްސަލައާ ގުޅިގެން، އެ ހާދިސާއާ ޝާމިލުވާ އެންމެންގެ ވަނަވަރު އާންމުކޮށް ޕާސްޕޯޓް ވެސް ހިފަހައްޓައިފި އެވެ.
ދިވެހި ފުލުހުންގެ ހިދުމަތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ޝުޖާޢު ވިދާޅުވީ މިމަހުގެ 18 ވަނަ ދުވަހު ހިނގައިދިޔަ ހާދިސާގެ މައްސަލައާއި ގުޅޭ އެންމެން ހޯދައި ބަޔާން ނަގާފައިވާކަމަށެވެ. އަދި މި މައްސަލައާމެދު ފުލުހުން އަމަލުކޮށްފައިވަނީ އެހެން މައްސަލަތަކުގައިވެސް އަމަލުކުރާގޮތަށްކަމަށާއި، އެކަމުގައި ތަފާތުކުރުމެއް ގެންގުޅެފައި ނުވާނެކަމަށް އޭނާ ވިދާޅުވިއެވެ.
ފުލުހުން ހާމަކުރިގޮތުގައި ހ. ފެންޓޯނިއާ ގޭގެ ނުވަ ވަނަ ބުރިން ހުކުރު ދުވަހު ވެއްޓިފައި ވަނީ ހައްވާ ޔުމްނު ރަޝީދު 21، އެވެ.
އެ ހާދިސާ ހިނގަން މެދުވެރި އިރު، އޭނައާ އެކު އުޅުނު މީހުންނަކީ:
ރައުދު އަހުމަދު ޒިލާލް، ގ. އެރިޔަދޫ
އާއިޝަތު ލަޔާލީ އިގުބާލު، ގ. ނޯތުބްރީޒް
އިޒްދިޔާން މުހައްމަދު މައުމޫން، މއ. މާންދޫގެދެކުނުގެ
ޔޫސުފް އަހުމަދު އަކްރަމް، މއ. މާންދޫގެދެކުނުގެ
ޔޫސުފް ޔައްސާރު އަބްދުލްގަފޫރު، ހ. މީނާޒް
އައިމިނަތު ޖުނައިނާ ޖަމްޝީދު، މ. ތިލަފަޅު
ހުސައިން ހަމީސް އަލީ، އަލި، ނ. ވެލިދޫ
އިޖާޒް ޖާއިޒް، މާތޮޑާ އަވަށް، ގދ. ފަރެސްމާތޮޑާ
މި ނޫސްވެރިންގެ ބައްދަލުވުމުގައި ޕޮލިސް ކޮމިޝަނަރު، އަލީ ސުޖާއު ވިދާޅުވީ އެ 8 މީހުންނަކީ ވެސް ޔުމްނުއާ އެކު އުޅުނު މީހުން ކަމަށެވެ.
މި މައްސަލއިގައި މި ވީ 6 ދުވަސް ތެރޭގައި ވެސް ވަރަށް ގިނަ ހޯދުންތައް ހޯދިފައިވާ ކަމަށާއި، މި ކޭސްގައި ވަކި އުސޫލަކުން އަމަލު ނުކުރާ ކަމުގެ ޔަގީން ކަން ޝުޖާއު ދެއްވިއެވެ. އެހެން ކޭސްތަކެކޭ ވެސް އެއްގޮތަށް މި މައްސަލަ ބަލައި ތަހުގީގު ކޮށް އުސޫލާ އެއްގޮތަށް ފިޔަވަޅު ވެސް އަޅާނެ ކަމަށް ޝުޖާއު ވިދާލުވިއެވެ.



