މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމްގެ ދަޢުވަތަކަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، މިއަދު ހެނދުނު މެލޭޝިއާއަށް ފުރާވަޑައިގެންފިއެވެ.
ރައީސް ދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައި ކެބިނެޓް މިނިސްޓަރުންނާއި ސަރުކާރުގެ އިސްވެރިންގެ ވަފުދެއް ބައިވެރިވެވަޑައިގަންނަވާނެ ކަމަށް ރައީސް އޮފީހުން ވަނީ ބުނެފައެވެ.
މިއީ އެމަނިކުފާނު މެލޭޝިއާއަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅެވެ. މި ދަތުރުފުޅުގެ އަމާޒަކީ ދެ ގައުމުގެ ދެމެދުގައިވާ ޒަމާންވީ ބަދަހި ގުޅުން އިތުރަށް ހަރުދަނާ ކުރުން ކަމަށް ރައީސް އޮފީހުން ބުނެއެވެ.
މި ދަތުރުފުޅުގައި ރައީސް މުއިއްޒު އާއި މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު ބައްދަލުކުރައްވައި، ރަސްމީ މަޝްވަރާތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވެ އެވެ. ރައީސް މުއިއްޒަށް މެލޭޝިއާ އިން ރަސްމީކޮށް މަރުހަބާ ދެންނެވުން އޮންނާނީ މާދަމާ ހެނދުނެވެ. އެ މަނިކުފާނަށް ރަސްމީކޮށް މަރުހަބާ ދަންނަވާނީ މެލޭޝިއާގެ ބޮޑުވަޒީރު ޑރ. އަަންވަރު އިބްރާހިމެވެ.



