ޒުވާނުންގެ ކަންބޮޑުވުންތަކާއި ޖަޒުބާތުގެ ނާޖާއިޒު ފައިދާ ނަގައި، ސިޔާސީ ގޮތުން ޤައުމުގައި ހަލަބޮލިކަން އުފެއްދުމަށް މަސައްކަތްކުރާ ފަރާތްތަކަށް އެ ފުރުސަތު ނުދިނުމަށް ރައީސް މުޙައްމަދު މުއިއްޒު އިލްތިމާސްކުރައްވައިފިއެވެ.
މެލޭޝިއާއަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި ވަޑައިގަތުމުގެ ކުރިން ޕީއެސްއެމަށް ދެއްވި ޚާއްސަ ބަޔާނެއްގައި ރައީސް ވިދާޅުވެފައިވަނީ، ރައްޔިތުން އެމަނިކުފާނަށް ކުރެއްވި އިތުބާރާއި ހުވައަށް އިސްކަންދެއްވާނެ ކަމަށެވެ. އަދި އެމަނިކުފާނުގެ މައްޗަށް އެއްވެސް ފަރާތަކަށް ނުފޫޒު ނުފޯރުވޭނެކަން ވެސް ފާހަގަކުރެއްވިއެވެ.
ރައްޔިތުންގެ ކަންބޮޑުވުންތަކާއި ޝުޢޫރުތަކަށް އަޑުއަހައި، އެކަންކަމަށް ތަހުޒީބީ އުސޫލުތަކުގެ ތެރެއިން ޙައްލު ހޯއްދަވައިދެއްވާނެ ކަމުގެ ޔަގީންކަން ރައީސް ދެއްވާފައިވެއެވެ. އަދި ރައްޔިތުންގެ ކަންބޮޑުވުންތަކަށް ޖަވާބުދާރީވެ ވަޑައިގަތުމުގައި އެއްވެސް ފަސްޖެހުމެއް ނުގެންގުޅުއްވާނެކަމަށް ވެސް ވިދާޅުވިއެވެ.
“ފަރުދީ އަދި ޖަމާޢީ ފެންވަރުގައި ވެސް ދިވެހީންނަށް މަސްލަޙަތު އޮތް ގޮތަކީ، ޤައުމުގައި ހަމަޖެހުން ޤާއިމުވެފައި އޮތުން،” ރައީސް ވިދާޅުވިއެވެ. އަދި ޤައުމުގެ ހަމަޖެހުން ދެމެހެއްޓުމަކީ ކޮންމެ ރައްޔިތެއްގެ ވެސް ޒިންމާއެއްކަން ފާހަގަކުރެއްވިއެވެ.



