ރާއްޖެއަށް ސިއްރުން އެތެރެކުރަން އުޅުނު 13 މިލިއަނަށްވުރެ ގިނަ ސިނގިރޭޓް ކަސްޓަމްސް އިން އަތުލައިގެންފިއެވެ.
މިތަކެތި އަތުލައިގަނެފައިވަނީ، ކަނޑުމަގުން ރާއްޖެއަށް އެތެރެކުރަން އުޅޭ ޕްލައިވުޑް ޝިޕްމެންޓެއްގައި ގިނަ އަދަދެއްގެ ސިނގިރޭޓް ރާއްޖެއަށް އެތެރެކުރަން އުޅޭކަމުގެ އިންޓެލިޖެންސް މައުލޫމާތު ކަސްޓަމްސް އަށް ލިބުމާގުޅިގެން، މިމަހުގެ 26 ވަނަ ދުވަހުގެރޭ ހިންގުނު ޚާއްސަ އޮޕަރޭޝަނެއްގައި، ހުޅުމާލެ ސީކާގޯ ޓަރމިނަލުން ކަމަށް ކަސްޓަމްސްއިން ހާމަކުރެއެވެ.
މިގޮތުން، ބަލައިފާސްކުރުމުގެ ތެރޭގައި މި ޝިޕްމެންޓްގައި ހިމެނޭ 40 ފޫޓުގެ 2 ކޮންޓެއިނަރ ތެރެއިން 1360 ކޭސް ސިނގިރޭޓް (ތޭރަ މިލިއަން ހަ ލައްކަ ސިނގިރޭޓް ސްޓިކް) ވަނީ ފެނިފައެވެ.
މި ޝިޕްމެންޓްގައި ހިމެނޭ ބްރޭންޑްތަކުގެ ސިނގިރޭޓަށް ޑިއުޓީދައްކަން އާންމުކޮށް ކަނޑައަޅާ އަގުތަކަށް ބަލާއިރު، މި އަތުލައިގަނެވުނު 13.6 މިލިއަން ސިނގިރޭޓަށް ޑިއުޓީއަށް ގާތްގަނޑަކަށް 122 މިލިއަން ދިވެހި ރުފިޔާ އަރާނެކަމަށް ކަސްޓަމްސްއިން ލަފާކުރެއެވެ.
މި ތަކެއްޗަކީ، (ދުންފަތް ކޮންޓްރޯލްކުރުމާބެހޭ ޤާނޫނު)ގެ 3 ވަނަ ބާބު (ދުންފަތުގެ ބާވަތްތައް ޕެކެޓްކޮށް ބަންދުކުރުމާއި ލޭބަލްޖެހުން)، 8 ވަނަ ބާބު (ހުއްދަ ދޫކުރުން) އާއި ޚިލާފަށް ރާއްޖެއަށް އެތެރެކުރަން އުޅެނިކޮށް އަތުލެވިފައިވާ ތަކެތިކަމުގައިވާތީ، މި މައްސަލަ އިތުރަށް ތަހުޤީޤް ކުރަމުންދާ ކަމަށްވެސް ކަސްޓަމްސްއިން ހާމަކުރެއެވެ.



