މެލޭޝިއާ އަށް ކުރައްވަމުންގެންދަވާ ރަސްމީ ދަތުރުފުޅުގައި ރައީސް ޑރ. މުހައްމަދު މުއިއްޒަށް އެ ގައުމުގެ ބޮޑުވަޒީރު ޑާޓޯ ސްރީ އަންވަރު އިބްރާހިމް މިއަދު ވަރަށް ހޫނު މަރުހަބާއެއް ދަންނަވައިފިއެވެ.
ޕުޓްރާ ޕެރްޑާނާ ކޮމްޕްލެކްސްގައި ބޭއްވުނު ރަސްމީ މަރުހަބާ ދެންނެވުމުގެ ރަސްމިއްޔާތުގައި ރައީސް މުއިއްޒަށް ވަނީ ރަތް ދޫލައިގެ މަރުހަބާއެއް ދަންނަވާފައެވެ. މި ރަސްމިއްޔާތުގައި ދިވެހިރާއްޖޭގެ ގައުމީ ސަލާމް ކުޅެ، ރައީސް މުއިއްޒު އޮނަރ ގާޑް އިންސްޕެކްޓް ކުރެއްވިއެވެ. އަދި ދެ ގައުމުގެ ގައުމީ ސަލާމް ކުޅުމަށްފަހު ދެ ގައުމުގެ އިއްޒަތްތެރިން ތައާރަފްވެ ވަޑައިގަތެވެ.
މެލޭޝިއާގެ ބޮޑުވަޒީރުގެ ދައުވަތަކަށް ރައީސް މުއިއްޒު މެލޭޝިއާ އަށް ވަޑައިގެންނެވި އިރު، މިއީ އެމަނިކުފާނު ވެރިކަމާ ހަވާލުވެ ވަޑައިގަތުމަށްފަހު މެލޭޝިއާ އަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅެވެ. މި ދަތުރުފުޅުގައި ދެ ގައުމުގެ ދެމެދުގައި މުހިންމު އެއްބަސްވުންތަކެއްގައި ސޮއިކުރުމަށް ވަނީ ހަމަޖެހިފައެވެ.
ރައީސް މުއިއްޒު މެލޭޝިއާ އަށް ވަޑައިގެންނެވީ އިއްޔެއެވެ. އެމަނިކުފާނުގެ މި ދަތުރުފުޅު ނިންމަވާލައްވާ ރާއްޖެ ވަޑައިގަންނަވާނީ އަންނަ ބުދަ ދުވަހުގެ ހެނދުނުއެވެ. ފާހަގަކޮށްލެވޭ ގޮތުގައި ރައީސް މުއިއްޒުގެ މި ދަތުރުފުޅުގެ ކުޑަ ދުވަސްކޮޅެއް ކުރިން ޗައިނާގެ ރައީސް ޝީ ޖިންޕިން ވެސް ވަނީ މެލޭޝިއާ އަށް ރަސްމީ ދަތުރުފުޅެއް ކުރައްވާފައެވެ.



