ގުޅިފަޅުން ގޯތި ލިބުނު ފަރާތްތަކަށް އެ ތަންތަނުގެ ރަޖިސްޓްރީ މޭ މަހު ތެރޭގައި ހަވާލުކުރަން ފަށާނެ ކަމަށް ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތޮލިބު މިއަދު ވިދާޅުވެއްޖެއެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ނާޒިލްގެ ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ، ބިންވެރިޔާ ސްކީމްގެ ދަށުން ޖުމްލަ 9،031 ގޯތި ދޫކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ. މީގެ ތެރޭގައި ހުޅުމާލެއިން 1،407 ގޯއްޗާއި، ގުޅިފަޅުން 2،438 ގޯއްޗާއި، އަދި ގިރާވަރު ފަޅުން 5،187 ގޯތި ހިމެނެއެވެ.
“އިރާދަކުރެއްވިއްޔާ މޭ މަސް ތެރޭގައި ގުޅިފަޅުގެ ރަޖިސްޓްރީތައް އެ ފަރާތްތަކާ އެ ގޯތިތައް ކަނޑައެޅިގެން އެނގޭ ގޮތަށް ހަވާލުކުރަން ފަށާނަން،” މުއްތޮލިބު ވިދާޅުވިއެވެ. ގޯތިތައް ހަވާލުކުރުން ލަސްވެފައިވަނީ ހިއްކާފައިވާ ސަރަހައްދުތަކުގައި މިވަގުތުވެސް ގިނަ މަސައްކަތްތަކެއް ކުރެވެމުންދާތީ ކަމަށް އޭނާ ވިދާޅުވިއެވެ.
ގުޅިފަޅުން ގޯތި ލިބުނު ފަރާތްތަކުގެ ގުރުއަތުލުން އޮތީ މިދިޔަ އޮކްޓޫބަރު މަހު ބޭއްވިފައެވެ. އަދި ގިރާވަރު ފަޅުން ގޯތި ލިބުނު 1،347 ފަރާތެއްގެ ގޯތި ގުޅިފަޅަށް ބަދަލުކޮށްދިނުމަށްވެސް ސަރުކާރުން ވަނީ ނިންމާފައެވެ.
ހައުސިން މިނިސްޓްރީން އާންމުކޮށްފައިވާ މަޢުލޫމާތުތަކަށް ބަލާއިރު، ގުޅިފަޅުން ދޫކުރާ ގޯތިތަކުގެ ތެރޭގައި 1،250 އަކަފޫޓުން ފެށިގެން 3،650 އަކަފޫޓާ ހަމައަށް ހަތް ބާވަތެއްގެ ގޯތި ހިމެނެއެވެ. މީގެ އިތުރުން، ރައީސް މުހައްމަދު މުއިއްޒު ވަނީ އިންޑިއާގެ ލުއި ލޯނު އެހީގެ ދަށުން ގުޅިފަޅުގައި އިތުރު 4،000 ހައުސިން ޔުނިޓް އިމާރާތްކުރާނެ ކަމަށްވެސް އިޢުލާންކުރައްވާފައެވެ.



