އާންމުން މޫދަށް އެރުމަށް މާލޭގަިއ ތަރައްގީކޮށްފައިވާ ރަސްފަންނު މޫދަށް އެޅިފައިވާ ކަޅު ތެޔޮ ސާފުކޮށް، އެ ސަރަހައްދު އާންމު ހާލަތަށް ގެނެސްފިއެވެ. މި މަސައްކަތް ނިމުނުކަން އިއުލާންކޮށްފައިވަނީ ކޮންސްޓްރަކްޝަން މިނިސްޓްރީންނެވެ.
ގިނަ ބަޔަކު މޫދަށް އެރިއުޅޭ މި ސަރަހައްދުން މި މައްސަލަ އެންމެ ފުރަތަމަ ފާހަގަކުރެވުނު އިރު، ފުލުހުން ވަނީ އެ ސަރަހައްދަށް މޫދަށް ނޭރުމަށް އާންމުންގެ ކިބައިން އެދިފައެވެ. އަދި މި މައްސަލަ ބެލުމުގެ މަސައްކަތް ކަމާބެހޭ އިދާރާތަކާ ގުޅިގެން ކުރިއަށް ގެންދާ ކަމަށް ފުލުހުން ވަނީ މަޢުލޫމާތު ދީފައެވެ. ނަމަވެސް މި ސަރަހައްދަށް ކަޅު ތެޔޮ އެޅުނު ސަބަބެއް އަދި ހާމަކޮށްފައެއް ނުވެއެވެ.
މާލޭ ފަޅުތެރެއަށް ކަޅު ތެޔޮ އެޅުމުގެ މިފަދަ މައްސަލަތައް މީގެ ކުރިން ވެސް ދިމާވެފައިވެއެވެ. މިގޮތުން މިދިޔަ އަހަރު މާލޭ ފަޅުތެރެއަށް ކަޅު ތެޔޮ ހަމެއް އޮއްސާލި މައްސަލައެއް ސިޓީ ކައުންސިލުން ބަލާފައިވެއެވެ.



