ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ކ.ތިލަފުށީގައި ކްލިނިކެއް ހިންގުމަށް ޝައުގުވެރިވާ ފަރާތްތަކަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
މި މަޝްރޫޢުގެ ދަށުން ކުއްޔަށް ދޫކުރުމަށް ހަމަޖެހިފައިވަނީ 669.30 އަކަފޫޓުގެ ބޮޑުމިނުގެ ޔުނިޓެކެވެ. މި ޔުނިޓަކީ ތިލަފުށީގައި ޓީއެލްސީ-ޖީ-01 ގެ ނަންބަރުގައި ރަޖިސްޓްރީ ކުރެވިފައިވާ ތަނެކެވެ.
މި ފުރުސަތަށް ޝައުގުވެރިވާ ފަރާތްތަކުން ޕްރޮޕޯސަލް ހުށަހެޅުމުގެ ސުންގަޑިއަކީ 2025 މެއި 22 ވާ ބުރާސްފަތި ދުވަހުގެ 14:00 އެވެ. އަދި ޕްރޮޕޯސަލްއާއެކު ބިޑް ސެކިއުރިޓީ ހުށަހަޅަންޖެހޭނެކަމަށް އެޗްޑީސީން ވަނީ ބުނެފައެވެ.
މި މަޝްރޫޢާ ގުޅޭ ޕްރީ-ޕްރޮޕޯސަލް މީޓިންގ އޮންނާނީ 2025 މެއި 4 ވަނަ ދުވަހުގެ 14:00 ގައި ޒޫމް މެދުވެރިކޮށެވެ. އަދި މަޝްރޫޢާ ގުޅޭ ސުވާލުތައް 2025 މެއި 7 ވަނަ ދުވަހުގެ 14:00 ގެ ކުރިން އީމެއިލް މެދުވެރިކޮށް ހުށަހެޅުމަށް ވަނީ ހުޅުވާލާފައެވެ.
މި މަޝްރޫޢާ ގުޅޭ އިތުރު މަޢުލޫމާތު އެޗްޑީސީގެ ވެބްސައިޓް އަދި މައިހުޅުމާލެ ޕްރޮޕަޓީސް ވެބްސައިޓުން ލިބެން ހުންނާނެ ކަމަށް އެޗްޑީސީން މަޢުލޫމާތު ދީފައިވެއެވެ. އިތުރު މަޢުލޫމާތު ހޯދުމަށް އެޗްޑީސީގެ ބިޒްނަސް ޑިވެލޮޕްމަންޓް އެންޑް ސޭލްސް ޑިޕާޓްމަންޓާ ގުޅުމަށްވެސް އެ ކުންފުނިން އަންގާފައިވެއެވެ.



