ހުޅުމާލޭގައި މީހުން އާބާދުވިތާ 21 އަހަރު ފުރުން ފާހަގަކުރުމަށް، “މައި ހުޅުމާލޭ ފެސްޓިވަލް” ގެ ނަމުގައި ކުލަގަދަ ފެސްޓިވަލެއް ބޭއްވުމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ނިންމައިފިއެވެ.
އެޗްޑީސީން ހާމަކުރިގޮތުގައި މި ފެސްޓިވަލް ފެށުމަށް ހަމަޖެހިފައިވަނީ 2025 ވަނަ އަހަރުގެ މެއި މަހުގެ 10 ވަނަ ދުވަހުއެވެ. އަދި މި ފެސްޓިވަލްގެ ހަރަކާތްތައް ކުރިއަށްދާނީ ހަފްތާއެއްގެ މުއްދަތަށެވެ. ފެސްޓިވަލްގެ ހަރަކާތްތައް ރޭވިފައިވަނީ ހުޅުމާލޭގެ އެކި ސަރަހައްދުތަކުގައި، އެކި ދުވަސްތަކަށް ބަހާލައިގެންނެވެ.
އެޗްޑީސީން މަޢުލޫމާތު ދިން ގޮތުގައި، މި ފެސްޓިވަލްގައި ހުރިހާ އުމުރުފުރައެއްގެ ފަރާތްތަކަށް ޚާއްޞަ ހަރަކާތްތައް ހިމެނޭނެއެވެ. މީގެ ތެރޭގައި ފޮޓޯގްރަފީ މުބާރާތާއި، ފެމިލީ ކާނިވަލް، އަދި ހުޅުމާލޭ ޑިސްކައުންޓް ވީކްގެ އިތުރުން ހެލްތް ކޭމްޕެއްވެސް ހިމެނެއެވެ.
މީގެ އިތުރުން، ހުޅުމާލޭގެ ތާރީޚާއި ތަރައްޤީ ދައްކުވައިދޭ ހުޅުމާލޭ ސްޓޯރީ ފޮޓޯ ވޯކް އާއި، ކުޅިވަރުގެ ރޮނގުން މަސްރޭހާއި، ސައިކްލިން ޗެމްޕިއަންޝިޕް އަދި ބީޗް ފެސްޓެއްވެސް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.
ހުޅުމާލެއަކީ ރާއްޖޭގެ ބޯހިޔާވަހިކަމުގެ ދަތިކަން ހައްލުކުރުމަށް ތަރައްޤީކުރެވުނު އާބާދީއެކެވެ. ފާއިތުވި 21 އަހަރުގެ ތެރޭގައި ހުޅުމާލެ ވަނީ ގިނަ ކުރިއެރުންތަކެއް ހޯދައި، މިއަދު ވެފައިވަނީ ވަރަށް ގިނަ އާއިލާތަކެއް ދިރިއުޅޭ، ވިޔަފާރިތައް ކުރިއަރަމުންދާ ސަރަހައްދަކަށެވެ.



