މެލޭޝިއާގެ ބޮޑުވަޒީރު ޔަންގ އަމަތް ބަރުހޮރުމަތް ދާތޯ ސެރީ އަންވަރު ބިން އިބްރާހިމްގެ ދަޢުވަތަކަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެ ޤައުމަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލައްވައިފިއެވެ. ރައީސް އޮފީހުން މިއަދު ހާމަކުރިގޮތުގައި ރައީސްގެ މި ދަތުރުފުޅުގެ ސަބަބުން ދިވެހިރާއްޖެއާއި މެލޭޝިއާ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިވެގެން ގޮސްފައިވެއެވެ.
މި ދަތުރުފުޅުގައި ޕުތުރަޖާޔާގައި ރަސްމީ ޕްރޮޓޮކޯލްގެ މަރުޙަބާ ރަސްމިއްޔާތަކަށްފަހު، ޕުތުރަ ޕަރުދާނާގައި އިސް ފެންވަރުގެ މަޝްވަރާތައް ކުރިއަށް ގެންގޮސްފައިވެއެވެ. ދެ ޤައުމުގެ އިސްވެރިންގެ މަޝްވަރާތަކުގައި މުހިންމު ނަތީޖާތަކެއް ޙާޞިލުކުރެވި، އެއްބަސްވުންތަކާއި މެމޮރަންޑަމް އޮފް އަންޑަސްޓޭންޑިންގތަކުގައި ސޮއިކޮށް، މިކަން ދެ ލީޑަރުން ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި އިތުރަށް ހާމަކުރައްވާފައިވެއެވެ.
ދަތުރުފުޅުގެ ތެރޭގައި ރައީސް ޑރ. މުޢިއްޒު “މޯލްޑިވްސް-މެލޭޝިއާ ބިޒްނަސް ފޯރަމް 2025” ގައި ވާހަކަފުޅު ދައްކަވަމުން، މެލޭޝިއާގެ އިންވެސްޓަރުންނަށް ދިވެހިރާއްޖޭގައި ހުރި ވިޔަފާރީގެ ފުރުޞަތުތަކާ ބެހޭ މަޢުލޫމާތު ދެއްވިއެވެ. މި ފޯރަމްގައި މެލޭޝިއާގެ ބޮޑުވަޒީރުވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ.
މީގެއިތުރުން، މެލޭޝިއާގައި ދިރިއުޅުއްވާ ދިވެހިންނާ ބައްދަލުކުރައްވައި، ދިވެހި އައިޑީ ކާޑާއި އީ-ޕާސްޕޯޓުގެ ޚިދުމަތް ރަސްމީކޮށް ފައްޓަވައިދެއްވިއެވެ. އަދި މޯލްޑިވިއަން ސްޓޫޑަންޓްސް އެސޯސިއޭޝަން މެލޭޝިއާ އިފްތިތާޙު ކުރެއްވިއެވެ. އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީ މެލޭޝިއާ (އައި.އައި.ޔޫ.އެމް) އިން ރައީސަށް އިސްލާމިކް ލީޑަރޝިޕް އެންޑް މަދަނީ ޑިވެލޮޕްމަންޓްގެ ދާއިރާއިން ޑޮކްޓަރޭޓް އޮފް އޮނަރަރީ ޑިގްރީއެއް ހަވާލުކުރެއްވިއެވެ.
ރައީސް މެލޭޝިއާގައި ހުންނަ ދިވެހިރާއްޖޭގެ ހައި ކޮމިޝަނަށް ޒިޔާރަތްކުރައްވައި، މުވައްޒަފުންގެ މަސައްކަތް އަގުވަޒަންކުރައްވައި، ބޭރުގައި ދިރިއުޅޭ ދިވެހިންނަށް އެހީތެރިވުމުގައި އިތުރަށް މަސައްކަތްކުރުމަށް އިރުޝާދު ދެއްވިއެވެ. މި ދަތުރުފުޅުގައި ރައީސްގެ އަރިހުގައި ކެބިނެޓް މިނިސްޓަރުންނާއި ސަރުކާރުގެ އިސް ބޭފުޅުން ބައިވެރިވެ ވަޑައިގެންނެވިއެވެ.



