މިމަހުގެ 18 ވަނަ ދުވަހު މާލޭގެ ގެއެއްގެ ފުރާޅު މައްޗަށް ޒުވާން އަންހެން ކުއްޖަކު ވެއްޓުނު ހާދިސާއާ ގުޅިގެން ރައީސުލުޖުމްހޫރިއްޔާ އުފެއްދެވި ޚާއްސަ ކޮމިޝަންގެ މަސައްކަތްތަކުގެ ދަށުން ރައްޔިތުންގެ ފަރާތުން މަޢުލޫމާތު ދިނުމަށް ޚާއްސަ ޕޯޓަލްއެއް އެކުލަވާލުމަށް ނިންމާފައިވާކަމަށް އެ ކޮމިޝަނުން ވިދާޅުވެއްޖެއެވެ.
ނޫސްވެރިންގެ ބައްދަލުވުމުގައި އެ ކޮމިޝަންގެ ރައީސް ޑރ. މުޙައްމަދު މުނައްވަރު ވިދާޅުވީ އެ ޕޯޓަލް މެދުވެރިކޮށް ސުވާލުވެސް ކުރެވޭނެކަމަށާއި އެ ސުވާލުތަކަށް ޖަވާބުވެސް ލިބޭނެކަމަށެވެ. އަދި ކޮމިޝަންގެ މަސައްކަތްތައް ދުވަހުން ދުވަހަށް އެނގޭނެ ފަދަ އިންތިޒާމްތަކެއް ހަމަޖެހޭނެކަންވެސް މުނައްވަރު ފާހަގަކުރެއްވިއެވެ.
މުނައްވަރު ވިދާޅުވީ ކޮމިޝަންގެ މަސައްކަތަށް އެއްވެސް ބަޔެއްގެ ނުފޫޒެއް ނުފޯރުވެވޭނެކަމަށާއި ކޮމިޝަންގެ މަސައްކަތްތައް ކުރިއަށްގެންދާނީ ވަރަށް މިނިވަންކަމާއެކުގައިކަމަށެވެ. އަދި ކޮމިޝަނަށް ނުފޫޒެއް ފޯރުވާ ހިސާބުން ވަގުތުން އިސްތިއުފާދޭނެ ކަމަށް މުނައްވަރު ވިދާޅުވިއެވެ.
“އަޅުގަނޑަކަށް ނުފޫޒް ހިންގަން ފަސޭހަ މީހަކަށް ނުވާނެ. ކޮމިޝަންގެ މެންބަރުންގެ މެދުގައި ވާހަކަ މި ދެއްކުނީ ރައްޔިތުންނަށް މަޢުލޫމާތު ދެވޭނެ ޕޯޓަލްއެއް ހުޅުވުމަށް. ސުވާލުކުރީމަ އާންމު ސުވާލުތަކަށް ޖަވާބުވެސް ދޭނެ. އެކަމަކު ޖިނާޢީ ކުށެއް ކުރިކަމުގެ ތުހުމަތުގައި ކުރެވޭ ތަޙްޤީގަކަށް ވީމަ ބައެއް ކަންކަން ހުންނާނެ ތަޙްޤީގު ފުރިހަމަ ވީމަ އާންމުކުރެވޭނެ މަޢުލޫމާތު. އެކަމަށް ރިއާއަތް ކުރެވެންވާނެ.” ކޮމިޝަންގެ ރައީސް ޑރ. މުޙައްމަދު މުނައްވަރު ވިދާޅުވިއެވެ.
މިދިޔަ ހޯމަ ދުވަހު ރައީސް ކޮމިޝަނަށް ބަދަލުގެންނަވައިފައިވާއިރު މިހާރު ކޮމިޝަނުގައި މުނައްވަރާއި އަހުމަދު މުހައްމަދުގެ އިތުރުން، ޑރ. މޫސާ މުރާދާއި ސިއްހީ ދާއިރާގެ އިތުރު ބޭފުޅެއް ކަމަށްވާ ޖަބީން މުޙައްމަދާއި އެޗްއާރުސީއެމްގެ ކުރީގެ ރައީސް އާމިނަތު އީނާސް ހިމެނިވަޑައިގަންނަވައެވެ.



