ރާއްޖޭގެ ރައީސަކު މިހާތަނަށް ބޭއްވެވި އެންމެ ދިގު ނޫސްވެރިންގެ ބައްދަލުވުން މިއަދު ބާއްވަވައި، ރައީސް ޑރ. މުހައްމަދު މުއިއްޒު ރެކޯޑެއް ހައްދަވައިފިއެވެ. މިއަދު ބޭއްވެވި މި ބައްދަލުވުމަކީ ރައީސް މުއިއްޒު 500 ދުވަސް ފަހުން ނޫސްވެރިންނާ ބޭއްވެވި ފުރަތަމަ ބައްދަލުވުމެވެ.
ރައީސް އޮފީހުގައި މިއަދު ހެނދުނު 10:00 ގައި ފެށުނު މި ބައްދަލުވުމުގައި، ސަރުކާރުން ކުރާ މަސައްކަތްތަކުގެ ތަފްސީލު ހާމަކުރެއްވުމަށް ދެ ގަޑިއިރަށްވުރެ ގިނަ ވަގުތު ހޭދަކުރެއްވިއެވެ. އޭގެ ފަހުން ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބުދެއްވުމުގައި ގެންދެވިއެވެ. ބައްދަލުވުން ފެށްޓެވި އިރު ރައީސް ވަނީ ނޫސްވެރިންގެ ހުރިހާ ސުވާލުތަކަށް ޖަވާބު ދެއްވާނެ ކަމަށް ވިދާޅުވެފައެވެ.
މި ބައްދަލުވުން ކުރިއަށްދިޔައިރު، މެންދުރު އަދި އަސުރު ނަމާދު ވަގުތަށް ކުޑަ ހުސްވަގުތުކޮޅެއް ނަންގަވާފައިވެއެވެ. މިގޮތުން މެންދުރު ނަމާދު ވަގުތަށް 12:10 އިން 12:30 އަށް އަދި އަސުރު ނަމާދު ވަގުތަށް 15:15 އިން 15:50 އަށް މެދުކަނޑުއްވާލެއްވިއެވެ.
މީގެ ކުރިން ރާއްޖޭގެ ރައީސުން އާންމުކޮށް ނޫސްވެރިންގެ ބައްދަލުވުން ބާއްވަވަނީ އެއް ގަޑިއިރު ނުވަތަ ދެ ގަޑިއިރަށެވެ. އެހެންނަމަވެސް މިއަދުގެ ބައްދަލުވުން ވަނީ ހަތް ގަޑިއިރަށް ވުރެ ދިގުދަންމާލައްވާފައެވެ.
ދުނިޔޭގެ ތާރީޚުގައި އެންމެ ދިގު ނޫސްވެރިންގެ ބައްދަލުވުން ބޭއްވި ރެކޯޑު އޮތީ ޔޫކްރެއިންގެ ރައީސް ވޮލޮޑިމީރް ޒެލެންސްކީ އަށެވެ. އެއީ 2019 ވަނަ އަހަރުގެ އޮކްޓޯބަރު 10 ވަނަ ދުވަހު ބޭއްވެވި 14 ގަޑިއިރުގެ ބައްދަލުވުމެކެވެ. އެހެންނަމަވެސް މި ރެކޯޑު ގިނެސް ވޯލްޑް ރެކޯޑްސްގައި ހިމެނިފައެއް ނުވެއެވެ.



