ދުންފަތުގެ އިސްތިޢުމާލު ކުރުން ހުއްޓުވުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ދަށުން މިހާތަނަށް 26،000 އަށްވުރެ ގިނަ ވޭޕްގެ އާލާތްތަކާއި 14.5 މިލިއަން ސިނގިރޭޓު ހިފަހައްޓާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރައްވައިފިއެވެ.
ދުންފަތާ ދުރު މުޖުތަމަޢެއް ބިނާކުރުމަށް ކުރަމުންދާ މަސައްކަތްތަކާ ގުޅޭގޮތުން ރައީސް އޮފީހުގައި އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، މިހާރު ޢަމަލުކުރަމުންދާ ޤާނޫނުގެ ދަށުން މި ތަކެތި ހިފެހެއްޓިފައިވާ ކަމަށެވެ. އަދި މިއީ މިހާރުގެ ޒުވާން ޖީލާއި މުސްތަޤްބަލުގެ ޖީލުތައް ދުންފަތުގެ ނުރައްކަލުން ސަލާމަތްކުރުމަށް ކުރެވޭ މަސައްކަތްތަކުގެ ތެރެއިން ބައެއް ކަމުގައި ފާހަގަކުރެއްވިއެވެ.
“ޖެނެރޭޝަނަލް ބޭން އަކީ ދިވެހިން ދުޅަހެޔޮ އާދަތަކަށް އަހުލުވެރި، ދުޅަހެޔޮ ބަޔަކަށް ހެދުމަށް ސަރުކާރުން އަޅާ މުހިއްމު ފިޔަވަޅެއް،” ރައީސް މުޢިއްޒު ވިދާޅުވިއެވެ. އަދި މި ފިޔަވަޅުގެ ސަބަބުން ޒުވާން ޖީލު ދުންފަތުގެ ވަބާއިން ދުރުހެލިވެ، އެ ޖީލުގެ ޞިއްޙީ ހާލަތު ރަނގަޅުވެގެންދާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށްވެސް ވިދާޅުވިއެވެ.
ސަރުކާރުން ތަންފީޒުކުރަން ނިންމާފައިވާ “ޖެނެރޭޝަނަލް ބޭން” ގެ ދަށުން، 2007 ވަނަ އަހަރުގެ ޖަނަވަރީ 1 އިން ފެށިގެން އުފަންވެފައިވާ އަދި އޭގެ ފަހުން އުފަންވާ ހުރިހާ ކުދިންނަށް ދުންފަތުގެ ބާވަތްތައް ގަތުމާއި، ވިއްކުމާއި، އިސްތިޢުމާލުކުރުން މަނާވެގެންދާނެއެވެ. މި ޕްރޮގްރާމް ކާމިޔާބު ގޮތެއްގައި ތަންފީޒުކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން މިހާރު ގެންދަނީ މަޝްވަރާތައް ކުރަމުންނެވެ.



