ދ. ވާނީގައި ހުންނަ ޕޮލިސް ޓްރެއިނިންގ ސެންޓަރުގައި ތަމްރީން ހަދަމުންދިޔަ 34 އަހަރުގެ ރެކްރޫޓެއްގެ ހާލު ކުއްލިއަކަށް ދެރަވެގެން ފަރުވާދޭން ފަށައިފިއެވެ.
ފުލުހުން މައުލޫމާތު ދިން ގޮތުގައި އިއްޔެ ފަތިހު 4:21 އެހައިކަށްހާއިރު، 40 ވަނަ ޕޮލިސް އިނީޝިއަލް ޓްރެއިނިންގ ކޯހުގެ ދަރިވަރުންނަށް ވޭކް-އަޕް ކޯލް ދިނުމަށް މުދައްރިބުން ދަރިވަރުންގެ ބެރެކްސްތަކަށް ވަދެ ދަރިވަރުން ހޭލެއްވި އިރު، އެއް ރެކްރޫޓެއް ގޮވުމުންވެސް އެއްވެސް ހަރަކާތެއް ނުކުރިއެވެ.
މި ހާދިސާއާ ގުޅިގެން 4:27 ގައި އެ ރެކްރޫޓް މެޑިކަލް ރޫމަށް ގެންގޮސް އަވަސް ފަރުވާ ދޭން ފެށިކަމަށާއި، އަދި ޑޮކްޓަރުގެ ލަފާގެ މަތިން، 4:48 ގައި އިތުރު ފަރުވާއަށްޓަކައި ދ. އަތޮޅު ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދިންކަމަށް ފުލުހުން ބުނެފައިވެއެވެ.
ފުލުހުން އިތުރަށް ބުނިގޮތުގައި ދ. އަތޮޅު ހޮސްޕިޓަލުން ފަރުވާ ދިނުމަށްފަހު، އިއްޔެ މެންދުރުފަހު 1:22 ގައި އެއަރ އެމްބިއުލާންސްގެ އެހީގައި އެ ރެކްރޫޓް ވަނީ މާލެ ގެެނެސްފައެވެ. އަދި މި ވަގުތު އެ ރެކްރޫޓަށް ފަރުވާ ދެމުން ގެންދަނީ އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލުގައި ވެންޓިލޭޓަރުގެ އެހީގައި ކަމަށް ފުލުހުން ބުނެފައިވެއެވެ.



