ރާއްޖެ އާއި ބްރޫނާއީ އާ ދެމެދު ސިއްހީ ދާއިރާގެ އެއްބާރުލުން އިތުރުކުރުމަށް މަޝްވަރާ ބައްދަލުވުމެއް ބާއްވައިފިއެވެ. މި ބައްދަލުވުމުގައި ބްރޫނާއީގެ ޕްރައިމަރީ ހެލްތުކެއަރ ގެ ޗީފް ކްލިނިކަލް ސްޕެޝަލިޓީ ސާވިސްގެ މަންދޫބުންނާއި ރާއްޖޭގެ ހެލްތު މިނިސްޓްރީގެ އިސްވެރިން ބައިވެރިވެ ވަޑައިގެންނެވިއެވެ.
ބައްދަލުވުމުގައި ދެ ގައުމުގެ ސިއްހީ ދާއިރާގެ އެއްބާރުލުން އިތުރުކުރެވިދާނެ ގިނަ ދާއިރާތަކަކާ މެދު މަޝްވަރާކުރެވުނެވެ. މީގެ ތެރޭގައި ޕްރައިމަރީ ހެލްތު ކެއަރ ގެ ޚިދުމަތް ހަރުދަނާ ކުރުމާއި، ހަކުރުބަލި މެނޭޖްކުރުމާއި ނަފްސާނީ ކަންކަމަށް ޚާއްޞަކޮށް ނަރުހުން ތަމްރީންކުރުން ހިމެނެއެވެ.
މީގެ އިތުރުން، ކެންސަރަށް ފަރުވާ ދިނުމުގެ ހިދުމަތްތައް ތަރައްޤީކުރުމުގައި އެހީތެރިކަން ހޯދުމާއި، މެޑިސިން ކިޔަވާ ދިވެހި ދަރިވަރުންނަށް ބްރޫނާއީގައި އިންޓަރންޝިޕް ހެދުމުގެ ފުރުސަތު ހޯދުމާ ބެހޭގޮތުންވެސް މަޝްވަރާކުރެވުނެވެ. އަދި ޕަބްލިކް ހެލްތާއި ގުޅުންހުރި މޯބައިލް އެޕްލިކޭޝަން ތައްޔާރުކުރުމުގެ ތަޖުރިބާ ހިއްސާކުރުމާއި، ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓާލުމަށް އެހީތެރިވެދޭ ކްލިނިކްތައް ހިންގުމުގެ އުސޫލުތައް ހިއްސާކުރުމަށްވެސް އެއްބަސްވެވުނެވެ.
ބްރޫނާއީގެ ޓީމުން ރާއްޖޭގެ ސިއްހީ ދާއިރާގެ ވަސީލަތްތަކާއި ޚިދުމަތްތައް ގާތުން ބެލުމަށް އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) އާއި ދަމަނަވެށި ފަދަ މުހިންމު ސިއްހީ މަރުކަޒުތަކަށް ޒިޔާރަތްކޮށްފައިވެއެވެ.



