ހުޅުމާލެ ދެވަނަ ފިޔަވަހީގެ ސްކޫލަކަށް ދިޔަ 15 އަހަރުގެ އަންހެން ދަރިވަރަކު މިއަދު ހެނދުނު ގެއްލިގެން ހޯދަމުންދަނިކޮށް، މެންދުރު ފަހު ހުޅުމާލެ ފުރަތަމަ ފިޔަވަހިން ފެނިއްޖެއެވެ.
ފުލުހުން މަޢުލޫމާތު ދެއްވި ގޮތުގައި، މި މައްސަލަ ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ މިއަދު ހެނދުނު 8:30 އެހައިކަށްހާއިރުއެވެ. ހިޔާ ޓަވަރު އަށަކުން ސްކޫލަށް ފުރި ދަރިވަރު ސްކޫލަށް ނުވަދެ ގެއްލިފައިވާކަން ފުލުހުންގެ ތަހުގީގަށް ކަށަވަރުވެފައިވެއެވެ.
ފުލުހުން ވިދާޅުވި ގޮތުގައި، ގެއްލުނު ދަރިވަރު މެންދުރުފަހު 12:18 ގައި ހުޅުމާލެ ފުރަތަމަ ފިޔަވަހިން ފެނުނު އިރު އޭނާގެ ހާލު ރަނގަޅެވެ. ނަމަވެސް މި މައްސަލައާ ގުޅިގެން އިތުރަށް ބަލަންޖެހޭ ކަންކަން ފުލުހުން ދަނީ ބަލަމުންނެވެ.
އާންމު އުސޫލެއްގެ ގޮތުން ގެއްލޭ ކުދިންގެ މަޢުލޫމާތު ފުލުހުން ހާމަކުރާއިރު، މި މައްސަލައިގައި ގެއްލުނު ދަރިވަރުގެ އިތުރު މަޢުލޫމާތެއް ފުލުހުން ހާމަކުރައްވާފައެއް ނުވެއެވެ.



