ރާއްޖޭގެ ބައެއް ސަރަޙައްދުތަކުގައި ޑެންގީ ހުން ޖެހިގެން ރިޕޯޓްކުރާ މިންވަރު އިތުރުވެފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިއަދު ހާމަކޮށްފިއެވެ.
އެޗްޕީއޭގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި މިދިޔަ އޭޕްރީލް މަހު 124 ކޭސް ރިޕޯޓްކުރެވިފައިވާއިރު، މިއީ މިއަހަރުގެ ކުރީ މަސްތަކާ އަޅާބަލާއިރު އެންމެ މަތީ އަދަދެވެ. ޖަނަވަރީ މަހު 75 ކޭސް، ފެބްރުވަރީ މަހު 80 ކޭސް އަދި މާރިޗު މަހު 73 ކޭސް ރިޕޯޓްކުރެވިފައިވެއެވެ.
މި އަހަރުގެ މިހާތަނަށް އެންމެ ގިނައިން ޑެންގީ ހުން ޖެހިގެން ރިޕޯޓްކޮށްފައިވަނީ މާލެ ސަރަހައްދުން 134 ކޭސްއާއެކު ކަމަށްވާއިރު، ރ. އަތޮޅުން 57 ކޭސް އަދި އއ. އަތޮޅުން 40 ކޭސް ރިޕޯޓްކުރެވިފައިވެއެވެ. މީގެއިތުރުން އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުން ވެސް ވަނީ މި އަހަރުގެ ފެބްރުވަރީ މަހު ޑެންގީގެ ކޭސްތައް އިތުރުވަމުންދާތީ ކަންބޮޑުވުން ފާޅުކޮށްފައެވެ.
ޑެންގީ ހުމުގެ ނުރައްކާ
ޑެންގީއަކީ އީޑީސް މަދިރީގެ ޒަރީއާއިން ފެތުރޭ ވައިރަލް ބައްޔެއް ކަމަށްވާއިރު، މި ބަލީގެ ހަތަރު ވައްތަރެއް މިހާތަނަށް ފެނިފައިވެއެވެ. މި ބަލީގެ އަލާމާތްތަކުގެ ތެރޭގައި ގައިގައި ރިއްސުން، ހުން އައުން، ބޮލުގައި ރިއްސުން، ލޮލުގައި ރިއްސުން އަދި ހަމުގައި ކުދި ރަތް ބިހިތަކެއް ނެގުން ހިމެނެއެވެ.
ރައްކާތެރިވުމަށް އެޅިދާނެ ފިޔަވަޅުތައް
އެޗްޕީއޭއިން ވަނީ ޑެންގީ ފެތުރުން މަދުކުރުމަށް ޓަކައި ފަރުދީ ޒިންމާ އަދާކުރުމުގެ މުހިންމުކަން ފާހަގަކޮށްފައެވެ. މީގެ ތެރޭގައި ހުސް ފުޅި/ދަޅު ފަދަ ފެން ހަރުލާ ތަކެތި ގޯތިތެރެއާއި މަގުމައްޗަށް އުކައިނުލުމާއި، ހެނދުނާއި ހަވީރު ގޭގެ ދޮރުތަކާއި ކުޑަދޮރުތައް ލައްޕައި، ހަށިގަނޑު ރަނގަޅަށް ނިވައިވާގޮތަށް ހެދުން އެޅުން ހިމެނެއެވެ. އަދި ތިން ދުވަހަށްވުރެ ގިނަ ދުވަހު ހުން އަންނަނަމަ ލަސްނުކޮށް ސިއްހީ އެހީތެރިކަން ހޯދުމަށް އިލްތިމާސްކޮށްފައިވެއެވެ.



