ސަރުކާރުން އަލަށް ފަށަން ނިންމާފައިވާ ޓެކްސީ ލައިނުގެ ޚިދުމަތާއެކު، މުޅި ޚިދުމަތަށް ހެޔޮ ބަދަލެއް ފެންނާނެ ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން މިއަދު ހާމަކުރައްވައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެންބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު އަމީން ވިދާޅުވީ، މި ޚިދުމަތަކީ އޭގެ އާމްދަނީން ހިންގޭނެ ވިޔަފާރި އުސޫލުގެ ޚިދުމަތެއްގެ ގޮތުގައި ރޭވިފައިވާ ކަމެއް ކަމަށެވެ. އާރުޓީއެލް ބަހުގެ ޚިދުމަތް ގޮތަށް މި ޚިދުމަތުގައި ބަޖެޓަށް ބަރޯސާއެއް ނުވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
އެމްޓީސީސީ މެދުވެރިކޮށް ފެށުމަށް ހަމަޖެހިފައިވާ މި ޚިދުމަތުގައި، ފުރަތަމަ ފިޔަވަހީގައި 100 އިލެކްޓްރިކް ކާރު ބޭނުންކުރުމަށް ވަނީ ނިންމާފައެވެ. މި ކާރުތަކަކީ މާލޭގެ މަގުތަކަށް އެކަށީގެންވާ ސައިޒުގެ ކާރުތަކެއް ކަމަށާއި، އެކި ސައިޒުގެ ކާރުތައް މި ޚިދުމަތުގައި ހިމެނޭނެ ކަމަށް މިނިސްޓަރު އަމީން ވިދާޅުވިއެވެ.
މި ޚިދުމަތް ފެށުމުން މިހާރު ޓެކްސީގެ ޚިދުމަތް ދެމުންދާ ފަރާތްތަކުގެ ވިޔަފާރިއަށް ނޭދެވޭ އަސަރެއް ނުކުރާނެ ކަމަށް މިނިސްޓަރު އަމީން ވިދާޅުވިއެވެ. އަދި މިހާރު ޓެކްސީ ދުއްވާ ފަރާތްތަކަށް ވެސް އަލަށް ފަށާ ޓެކްސީ ލައިނުގައި މަސައްކަތްކުރުމުގެ ފުރުސަތު ހުޅުވާލެވޭނެ ކަމަށް އޭނާ ހާމަކުރެއްވިއެވެ.
މިނިސްޓަރު އަމީން ވިދާޅުވި ގޮތުގައި، މި ޚިދުމަތް ފެށުމުން ޓެކްސީގެ ޚިދުމަތުގެ ފެންވަރު މަތިވެ، ޒަމާނީ ވަސީލަތްތަކާއެކު ގަވާއިދުން ހިންގޭ ޚިދުމަތަކަށް ވެގެންދާނެއެވެ. “ޓެކްސީ ޚިދުމަތް މީގެ ސަބަބުން ސްޓޭންޑަޑައިޒް ވެގެން ދާނެ. މަތިވެގެން ދާނެ ސްޓޭންޑަޑް” ކަމަށް އޭނާ ވިދާޅުވިއެވެ.
އަދި އަލަށް ޓެކްސީ ރަޖިސްޓްރީ ކުރަން ބޭނުންވާ ފަރާތްތަކަށް ވެސް އެ ފުރުސަތު ބަންދެއް ނުކުރާނެ ކަމަށް މިނިސްޓަރު އަމީން ވަނީ ވިދާޅުވެފައެވެ.



