މާލޭގެ ގަޑިބުރު ކައިރި ބައެއް ގެތަކުން މިވަގުތު ހުރީ ކަރަންޓް ކެނޑިފައި ކަމަށާއި ކަރަންޓް ދެވޭނީ 30 މިނެޓް ފަހުން ކަމަށް ސްޓެލްކޯއިން ބުނެފިއެވެ. ރޭ ފަތިހުން ފެށިގެން މާލޭގެ ބޮޑުބަޔަކުން ކަރަންޓް ކެނޑުނު މައްސަލައާއި ގުޅިގެން ވާހަކަ ދައްކަވަމުން އެމްޑީ ޝަރީފު ވިދާޅުވީ މިހާރު ދިމާވެފައިވާ ކަރަންޓް ކެނޑުމުގެ މައްސަލަ ހައްލު ކުރުމަށް ދެ ދުވަސް ވަރު ނަގާނެ ކަމަށެވެ.
އަދި ކަރަންޓް ކެނޑެން މެދުެރިވީ ސަބަބު މިހާރު ދެނެގަނެވިފާވީ ނަމަވެސް މިމައްސަލައަށް ދާއިމީ ހައްލެއް ގެނެވެން އޮތީ އަމީނީ މަގު ބީއެމްއެލް ކައިރީ ހުންނަ ސަބް ސްޓޭޝަނަކާއި ހަމައަށް އިތުރު ކޭބަލެއެއް އަޅައިގެން ކަމަށްވެސް ޝަރީފު ވިދާޅުވިއެވެ. އެހެންކަމުން އެ ކޭބަލްގެ މަސައްކަތް ފެށުމަށްޓަކައި މާލެ ސިޓީ ކައުންސިލާއެކު މަޝްވަރާތައް ކުރިއަށްދާ ކަމަށްވެސް ޝަރީފު ވިދާޅުވިއެވެ.
މިހާތަނަށް ބެލިބެލުމުން އެ ކޭބަލް އަށް ގެއްލުން ލިބިފައިވަނީ މަގުކޮނުމުގެ ތެރޭގައިކަން ފާހަގަކުރެވިފައިވާ ކަމަށާއި މީގެއިން ކޮންމެވެސް އެއް ކޭބަލަކުން މަސައްކަތް ކުރުމުގެ ތެރޭގައި ލިބިފައި ހުރި ގެއްލުމުގެ ސަބަބުން ދުވަސްތަކަކަށްފަހުގައި ބިމަށް އާތްފޯލްޓެއްގެ ގޮތުގައި އައިސްފައި އިނީ ކަމަށް ވިދާޅުވިއެވެ.