ދ. ވާނީގައި ހުންނަ ޕޮލިސް ޓްރެއިނިންގ ސެންޓަރުގައި ތަމްރީނު ހަދަމުން ދަނިކޮށް ހާލު ދެރަވެ، އިތުރު ފަރުވާއަށް މާލެ ގެނައި 34 އަހަރުގެ ޕޮލިސް ކޮންސްޓަބަލް ޙުސައިން ގާއިސް ނިޔާވެއްޖެއެވެ.
ފުލުހުން މައުލޫމާތު ދެއްވާފައިވާ ގޮތުގައި މިދިޔަ އާދިއްތަ ދުވަހުގެ ފަތިހު 4:21 ހާއިރު، ތަމްރީނުގައި ބައިވެރިވާ ދަރިވަރުންނަށް ގޮވަމުން ދިޔައިރު ކޮންސްޓަބަލް ގާއިސްގެ އެއްވެސް ޚަބަރެއް ނުވުމުން އޭނާ ވަނީ މެޑިކަލް ރޫމަށް ގެންގޮސްފައެވެ. އަދި 4:27 ގައި އަވަސް ފަރުވާ ދޭން ފަށާފައިވެއެވެ.
އޭނާގެ ހާލަތު ސީރިއަސްވުމާ ގުޅިގެން، ޑޮކްޓަރުގެ ލަފާގެ މަތިން 4:48 ގައި ދ. އަތޮޅު ހޮސްޕިޓަލަށް ބަދަލުކުރެވުނެވެ. އެހެންނަމަވެސް އިތުރު ފަރުވާގެ ބޭނުމަށް އެދުވަހުގެ 13:22 ގައި އެއާ އެމްބިއުލާންސް މެދުވެރިކޮށް މާލެ ގެނެވުނު އިރުވެސް އޭނާގެ ހާލަތު އޮތީ ވަރަށް ކްރިޓިކަލް ކޮށެވެ. އަދި ފަރުވާ ދެމުން ގެންގޮސްފައިވަނީ ވެންޓިލޭޓަރުގައި ބޭއްވުމަށްފަހުގައެވެ.
ކޮންސްޓަބަލް ގާއިސްގެ ހާލު ކުއްލިއަކަށް ދެރަވާން މެދުވެރިވި ސަބަބެއް ފުލުހުންގެ ފަރާތުން ހާމަކުރައްވާފައެއް ނުވެއެވެ.



