ކުރީގެ ޕޮލިސް ކޮމިޝަނަރު އަލީ ޝުޖާއު ފުލުހުންގެ ޚިދުމަތުން ޝަރަފުވެރިކަމާއެކު ރިޓަޔަރކުރައްވައިފިއެވެ. މިކަމަށްޓަކައި އިސްކަންދަރު ބިލްޑިންގގައި އިއްޔެ ބޭއްވުނު ޚާއްޞަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ހޯމް މިނިސްޓަރު އަލީ އިހުސާނެވެ.
މި ރަސްމިއްޔާތުގައި ފުލުހުންގެ ޑެޕިއުޓީ ކޮމިޝަނަރުންކަމުގައިވާ އިސްމާއީލް ނަވީނާއި ފަރުހާދު ފިކުރީގެ އިތުރުން، ފުލުހުންގެ އެގްޒެކެޓިވް އޮފިސަރުންނާއި ކޮމިޝަންޑް އޮފިސަރުން އަދި ޝުޖާއުގެ އާއިލާގެ މެންބަރުން ބައިވެރިވެވަޑައިގެންނެވިއެވެ. ރަސްމިއްޔާތުގައި ޝުޖާއުއަށް ވަނީ ޝަރަފުގެ ހަނދާނީ ފިލައާއި ރިޓަޔަމަންޓް ކާޑު އަރުވާފައެވެ.
ޝުޖާއު ފުލުހުންގެ ޚިދުމަތާ ގުޅިވަޑައިގަތީ 2006 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުއެވެ. އޭގެ ކުރިން އެމަނިކުފާނު ވަނީ ތަޢުލީމީ ދާއިރާގައި އަށް އަހަރު ދުވަހު ޚިދުމަތްކުރައްވާފައެވެ. 2008 ވަނަ އަހަރު ކޮމިޝަންޑް ރޭންކަށް އިސްކުރެއްވުމަށްފަހު، ފުލުހުންގެ ތަމްރީނު، އޮޕަރޭޝަންސް، އިންޓެލިޖެންސް އަދި އިންވެސްޓިގޭޝަން ފަދަ ދާއިރާތަކުގައި މަސައްކަތްކުރައްވާފައިވެއެވެ.
2023 ވަނަ އަހަރުގެ ޑިސެމްބަރު 25 ވަނަ ދުވަހު ޕޮލިސް ކޮމިޝަނަރުގެ މަޤާމަށް އައްޔަންކުރެއްވި ޝުޖާއު، އެ މަޤާމުން އިސްތިއުފާ ދެއްވީ މިދިޔަ މަހުގެ 26 ވަނަ ދުވަހުއެވެ. މިހާރު ފުލުހުންގެ އިދާރާ ވަގުތީގޮތުން ހިންގެވުން ވަނީ ޑެޕިއުޓީ ކޮމިޝަނަރު ފަރުހާދު ފިކުރީއާ ހަވާލުކުރައްވާފައެވެ.
ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޝުޖާއު ވަނީ، ފުލުހުންގެ ޚިދުމަތުގައި އޭނާ ހޭދަކުރެއްވި ދުވަސްތަކުގައި އެކި މަސައްކަތްތަކުގައި އެހީތެރިވެދެއްވި އެންމެހާ ފަރާތްތަކަށް ޝުކުރު އަދާކުރައްވާފައެވެ.



