އެކި މައްސަލަތަކުގެ ތަޙުޤީޤަށް ހައްޔަރުކޮށް، “ވާނުވާ ބަންދު”ގައި ތިބި މީހުންގެ ތެރެއިން މަދުވެގެން 3 ބައިކުޅަ 1 ބައި މީހުންނަކީ އިލެކްޓްރޯނިކް މޮނިޓަރިންގ ޓެގް އަޅުވައިގެން ދޫކޮށްލެވިދާނެ ބައެއްތޯ ބެލުމަށް، ގުޅުންހުރި އިދާރާތަކާ ހަވާލުކުރައްވާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
މިކަން ރައީސް ހާމަކުރެއްވީ “ރައްޔިތުންނާ އެކު” ޕޮޑްކާސްޓްގެ މިއަދުގެ އެޕިސޯޑްގައެވެ. މި މަސައްކަތް ކުރިއަށް ގެންދިއުމަށް ދިވެހި ފުލުހުންނާއި، ޕްރޮސެކިއުޓަރ ޖެނެރަލް އޮފީހާއި އަދި ބަންޑާރަނައިބު އޮފީހާ ވަނީ ހަވާލުކުރައްވާފައެވެ.
“ވާނުވާ ބަންދު”ގައި މިވަގުތު 300 އަށްވުރެ ގިނަ މީހުން ތިބިއިރު، އޭގެ ތެރޭގައި ހައެއްކަ އަހަރުގެ މުއްދަތެއް ބަންދުގައި ހޭދަކޮށްފައިވާ މީހުން ހިމެނޭކަން ރައީސް ފާހަގަކުރެއްވިއެވެ. މިއީ ވަރަށް ބޮޑު މައްސަލައެއްގެ ގޮތުގައި ރައީސް ދެކެވަޑައިގަންނަވައެވެ.
“މީގެ އިތުރުން ކުދި ކުށް ނުވަތަ ބަލިކަށި ހެކި ހުރި ފަރާތްތަކުގެ ކޭސްތައް ވަކިވަކީން ބެލުމަށްވެސް، ޕީ.ޖީ އޮފީހަށް އަންގަވާފައި ވާނެ،” ރައީސް ވިދާޅުވިއެވެ
. ނަމަވެސް ޖިންސީ ކުށުގެ ތުހުމަތުގައި، ވަކިން ޚާއްޞަކޮށް ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ ކުށުގައި ތިބި ފަރާތްތަކަށް މި ލުއިތައް ނުދެވޭނެ ކަމަށް ރައީސް ސާފުކޮށް ވިދާޅުވިއެވެ.
ދިވެހިރާއްޖޭގައި ފުރިހަމަ ކަފާލާތުގެ ނިޒާމެއް ޤާއިމުކުރުމަކީ ރައީސްގެ މެނިފެސްޓޯގައިވެސް ހިމެނޭ ކަމެކެވެ. މިކަމަށް ޙައްލެއް ހޯދުމަށް ޤާނޫނީ މަސައްކަތްތައް މިހާރުވެސް ކުރިއަށްދާ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި މި އަހަރު ތެރޭގައި މި މައްސަލައާ ގުޅޭގޮތުން ދެ ފޯރަމެއް ބޭއްވި، އޭގެ ތެރެއިން އެއް ފޯރަމް ޝަރުޢީ ދާއިރާއަށް އަމާޒުކޮށްގެން ކުރިއަށް ގެންދެވުނު ކަމަށްވެސް ރައީސް ފާހަގަކުރެއްވިއެވެ.



