ރާއްޖެއަށް އަންނަ ފަތުރުވެރިންނާއި ބިދޭސީން ފުރަންޖެހޭ “ޓްރެވެލާ ޑެކްލެރޭޝަން” ނުވަތަ އިމުގާ ފޯމު ދޫކުރުމުގެ ނަމުގައި އޮޅުވާލައިގެން ފައިސާ ހޯދުމަށް ހިންގާ ފޭކް ޕޯޓަލްތަކާމެދު ސަމާލުވުމަށް މޯލްޑިވްސް އިމިގްރޭޝަނުން މިއަދު އަންގައިފިއެވެ.
އިމިގްރޭޝަނުން މިކަން ހާމަކުރަމުން ބުނެފައިވަނީ، “އިމުގާ އެޕްލިކޭޝަން” އާއި “އިމުގާ އޮންލައިން” އަދި “އިމުގާ މޯލްޑިވްސް ޑޮޓް ނެޓް” ގެ ނަމުގައި ހިންގާ ވެބްސައިޓްތަކުން އޮޅުވާލައިގެން ފައިސާ ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި މި ވެބްސައިޓްތަކަކީ އިމިގްރޭޝަންގެ ރަސްމީ ވެބްސައިޓްތަކެއް ނޫން ކަމަށް ވެސް ބުނެފައިވެ އެވެ.
އިމިގްރޭޝަނުން އާންމުންނަށް އަންގާފައިވަނީ، އިމުގާ ފޯމު ޑައުންލޯޑު ކުރުމަށް ހަމައެކަނި އިމިގްރޭޝަންގެ ރަސްމީ ވެބްސައިޓް، “އިމުގާ ޑޮޓް އިމިގްރޭޝަން” ބޭނުންކުރުމަށެވެ. އަދި އެހެން ވެބްސައިޓްތަކުން އިމުގާ ފޯމު ޑައުންލޯޑު ނުކުރުމަށް ވެސް އަންގާފައިވެ އެވެ.
އިމުގާ ފޯމަކީ ރާއްޖެއަށް އަންނަ ފަތުރުވެރިންނާއި ބިދޭސީން ރާއްޖެ އައުމުގެ 96 ގަޑިއިރު ކުރިން ފުރިހަމަކުރަންޖެހޭ ފޯމެކެވެ. މި ފޯމު ތައާރަފުކޮށްފައިވަނީ ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގެ ބޯޑަރުގެ ޚިދުމަތް ހަރުދަނާކޮށް، ރައްކާތެރިކުރުމުގެ ގޮތުން 2020 ވަނަ އަހަރުގެ ޖުލައި 15 ވަނަ ދުވަހު އެވެ.
އިމުގާ ފޯމު އޮންލައިންކޮށް ފުރުމުގެ ޚިދުމަތް ފެށިފައިވަނީ 2021 ވަނަ އަހަރުގެ މާޗު 14 ވަނަ ދުވަހުން ފެށިގެންނެވެ. މި ޚިދުމަތް ތައާރަފުކުރި ފަހުން، ކުރިން ރާއްޖެއިން ފުރާ ދިވެހިންނާއި ބޭރު މީހުން ފުރަންޖެހޭ ގޮތަށް އޮތް ޑިކްލަރޭޝަން ފޯމު ވަނީ އުވާލާފައެވެ.