އެޗްޑީސީން ދެމުންއަންނަ ހިދުމަތްތަކުގެ ފެންވަރު ރަނގަޅު ކުރުމަށް ކުރަމުން އަންނަ މަސައްކަތްތަކުގެ ތެރެއިން، ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ‘ވިނަރެސް’ ޓަވަރު 6 ގައި އެޗްޑީސީގެ ކަސްޓަމަރ ކެއާ އޮފީހެއް ހުޅުވައިފިއެވެ.
މިއީ، ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ދިރިއުޅޭ ރައްޔިތުންނަށް ލުއިފަސޭހަކޮށް،ފަސޭހައިން އެޗްޑީސީގެ ކަސްޓަމަރ ކެއާ މެދުވެރިކޮށް މައުލޫމާތު ސާފުކުރެވޭނެ މަގު ފަހިކުރުމަށް ގާއިމްކުރި އޮފީހެކެވެ. މި އޮފީސް ގާއިމްކޮށްފައިވަނީ ވިނަރެސްގެ ހަވަނަ ޓަވަރުގެ އެއްވަނަ ފަންގިފިލާގައެވެ.
އެގޮތުން، ކަސްޓަމަރުންނަށް މައުލޫމާތު ސާފުކޮށްދިނުމާއި، އެކި ކަހަލަ ފޯމު އެޕްލިކޭޝަންތަކާއި ފައިސާ ބަލައިގަތުމުގެ ހިދުމަތްވެސް މި އޮފީހުން ލިބޭނެއެވެ. ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 09:00 އިން މެންދުރުފަހު 02:00 އަށް މި އޮފީސް ހުޅުވިފައި ހުންނާނެއެވެ.
‘ހިޔާ’ ޓަވަރުގައި ގާއިމްކޮށްފައިވާ އެޗްޑީސީގެ އޮފީސް ދާއިމީކޮށް ބަންދުކުރުމާ ގުޅިގެން، އެ އޮފީހުން ދެމުންއައި ހުރިހާ ހިދުމަތެއް މީގެ ފަހުން ލިބޭނެ ‘ވިނަރެސް’ އެޗްޑީސީ އޮފީހުންނެވެ. އެޗްޑީސީން ބުނީ އަބަދުވެސް މަސައްކަތް ކުރަނީ އެ ކޯޕަރޭޝަނުންދެމުންއަންނަ ހިދުމަތްތަކުގެ ފެންވަރު ދުވަހެއް ދުވަހަކަށް ރަނގަޅުކޮށް، ރައްޔިތުންނަށް ލުއިފަސޭހަ ގޮތްތައް މަގަފަހިކޮށްދިނުމަށް ކަމަށެވެ.