މާލޭ ސަރަހައްދުގައި އަޅާ ފްލެޓްތައް މާލޭގައި ޒަމާންތަކެއް ވަންދެން ދިރިއުޅެމުންދާ އަތޮޅުތެރޭގެ ރައްޔިތުންނަށް ވެސް ދޭނެ ކަމަށް ހައުސިން މިނިސްޓަރ އަސްލަމް ވިދާޅުވެއްޖެއެވެ. ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން އަސްލަމް ވިދާޅުވީ، މި އުސޫލުގެ ދަށުން އަންނަ ޖުލައި މަހު ނިންމާ ފްލެޓަކެއް ބައެއް އެފަދަ ރައްޔިތުންނަށް ދޭނެ ކަމަށެވެ.
އެހެންނަމަވެސް ވިނަރެސް ފްލެޓްގެ ބޮޑުބައެއް ދޭނީ މާލޭގެ ރަށްވެހިންނަށް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. ވިނަރެސް ފްލެޓްތަކުން އަތޮޅު ތެރޭގެ ރައްޔިތުން ދޭނެ އިންސައްތަ އަދި ނުނިންމާ ކަމަށާއި މިވަގުތު އެކަމުގެ ތަފުސީލު ދެވެން ނެތް ކަމަށްވެސް ހައުސިން މިނިސްޓަރ ވިދާޅުވިއެވެ.
މީގެ އިތުރުންވެސް ވިނަރެސް ފްލެޓްތައް މުޅިން ނިންމާ މިއަހަރުގެ ޖުލައި މަހުގެ ނިޔަލަށް އެޗްޑީސީ އާއި ހަވާލު ކުރާނެ ކަމަށް މިއަދު މިނިސްޓަރ އަސްލަމް ވިދާޅުވިއެވެ. ވިނަރެސަ ފްލެޓްތަކަކީވެސް ހިޔާ މަޝްރޫއުގެ ދަށުން ކުރީގެ ރައީސް ޔާމީން ފައްޓަވާފައިވާ ގެދޮރުވެރިކުރުމު މަޝްރޫއެކެވެ.