ދުންފަތް ކޮންޓްރޯލް ކުރުމަށް ކުރައްވާ މަސައްކަތް ފާހަގަކޮށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ)ގެ ޑިރެކްޓަރ ޖެނެރަލްގެ ފަރާތުން ދެއްވާ ހާއްސަ އެވޯޑް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒަށް ލިބިވަޑައިގެންފިއެވެ.
ޑަބްލިއުއެޗްއޯއިން ކޮންމެ އަހަރަކުވެސް ދުންފަތް ކޮންޓްރޯލް ކުރުމަށް މަސައްކަތްކުރާ އަމިއްލަ ފަރުދުންނާއި ޖަމިއްޔާތަކުގެ އަގުވަޒަންކުރުމުގެ ގޮތުން ތަފާތު އެކި ދާއިރާތަކުން އެވޯޑުތައް ދެމުން ގެންދެއެވެ. މި އަހަރު ޑަބްލިއުއެޗްއޯގެ ޑިރެކްޓަރ ޖެނެރަލްގެ ހާއްސަ އެވޯޑު ލިބިވަޑައިގެންފައިވަނީ ރައީސް މުއިއްޒާއި މޮރިޝަސްގެ ހެލްތު މިނިސްޓްރީއަށެވެ.
ރައީސް މުއިއްޒުގެ ވެރިކަމުގައި ދުންފަތް ކޮންޓްރޯލްކުރުމަށް ގިނަ މަސައްކަތްތަކެއް ކުރައްވާފައިވެއެވެ. އެގޮތުން ރާއްޖޭގައި ދުންފަތުގެ އިސްތިއުމާލު ނުކުރާ ޖީލެއް އުފެއްދުމަށްޓަކައި 2007 ވަނަ އަހަރުން ފެށިގެން އުފަންވާ ކުދިންނަށް ދުންފަތުގެ އިސްތިއުމާލުކުރުން މަނާކުރުމަށް ވަނީ ނިންމަވާފައެވެ.
މީގެއިތުރުން، މިދިޔަ އަހަރުގެ ނޮވެމްބަރު 15 އިން ފެށިގެން ރާއްޖެއަށް ވޭޕް އެތެރެކުރުން މަނާކުރައްވައި، ޑިސެމްބަރު 15 އިން ފެށިގެން ވޭޕް ބޭނުންކުރުންވެސް ވަނީ މަނާކުރައްވާފައެވެ. އަދި ދުންފަތުގެ އިސްތިއުމާލު މަދުކުރުމަށްޓަކައި ކޮންމެ ސިނގިރޭޓަކުން ނަގާ އިމްޕޯޓް ޑިއުޓީ 8 ރުފިޔާއަށް މަތިކުރައްވައި، ދުންފަތުގެ އެހެނިހެން ބާވަތްތަކުން ނަގާ ޑިއުޓީ 50 ޕަސެންޓަށް ވަނީ އިތުރުކުރައްވާފައެވެ.



