ޅ. އަތޮޅު ގާއެރިފަޅު ސަރަހައްދުގައި ރޭ މެންދަމު ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ފަސް މީހަކަށް އަނިޔާވެއްޖެއެވެ. މީގެ ތެރެއިން އެއް މީހަކަށް ވަނީ ސީރިއަސް އަނިޔާތަކެއް ލިބިފައެވެ.
ފުލުހުންގެ މައުލޫމާތު ދޭގޮތުން، މި ހާދިސާ ހިނގާފައިވަނީ ފީނަން ދިޔަ ބަޔަކު ތިބި ޑިންގީއަކާ ލޯންޗެއް ޖެހުމުގެ ސަބަބުންނެވެ. މި ހާދިސާ ފުލުހުންގެ ސަމާލުކަމަށް އައިސްފައިވަނީ މެންދަމު 12:33 ގައެވެ.
އަނިޔާވި ފަރާތްތަކުގެ ތެރެއިން އެކަކަށް ލިބިފައިވަނީ ސީރިއަސް އަނިޔާތަކެކެވެ. އަދި އެހެން ހަތަރު މީހުންނަށްވެސް އެކި މިންވަރަށް އަނިޔާވެފައިވާކަމަށް ފުލުހުން މައުލޫމާތު ދެއެވެ. އަނިޔާވި އެންމެންނަކީވެސް ދިވެހި ފިރިހެނުންނެވެ.
މި ހާދިސާގައި އަނިޔާވި ފަރާތްތަކަށް މިވަގުތު ޅ. އަތޮޅު ހޮސްޕިޓަލުގައި ފަރުވާ ދެމުންދެއެވެ. އެކްސިޑެންޓުގެ ބާރުގަދަކަމުން ޑިންގީ ވަނީ އިއާދަ ނުކުރެވޭވަރަށް ހަލާކުވެފައެވެ.
މި ހާދިސާއާ ގުޅިގެން ފުލުހުން ވަނީ ތަހުގީގެއް ފަށައިފައެވެ. އަދި ކަނޑުމަތީގައި ދަތުރުކުރާއިރު ސަލާމަތީ މިންގަނޑުތަކަށް ސަމާލުވުމަށް ފުލުހުން ވަނީ އާންމުންނަށް އިލްތިމާސްކޮށްފައެވެ.



