ފުލުހުންނާއި މީޑިއާގެ މެދުގައި އޮންނަ ގުޅުން އިތުރަށް ހަރުދަނާކޮށް، ދެ ފަރާތުގެ މަސައްކަތުގެ ގުޅުން ބަދަހިކުރުމަށް “ޕޮލިސް މީޑިއާ ރިސެޕްޝަން 2025” ގެ ނަމުގައި ހާއްސަ ހަފްލާއެއް ބާއްވައިފިއެވެ.
އިސްކަންދަރު ބިލްޑިންގުގައި ބޭއްވުނު މި ހަފްލާއަކީ ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހާ ދިމާކޮށް، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް އިސްމާއީލް ނަވީންގެ އިސްނެންގެވުމުގެ ދަށުން ކުރިއަށް ގެންދިޔަ ހަފްލާއެކެވެ. މި ހަފްލާގައި މޯލްޑިވްސް ޕޮލިސް ސަރވިސްގެ އިސް އޮފިސަރުންނާއި، މޯލްޑިވްސް ޖަރނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) ގެ މެންބަރުންނާއި، ރާއްޖޭގެ އެކި މީޑިއާތަކުގެ އިސްވެރިންނާއި ނޫސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.
ހަފްލާގައި ވާހަކަފުޅު ދައްކަވަމުން ޑެޕިއުޓީ ކޮމިޝަނަރ ނަވީން ވިދާޅުވީ، މި ހަފްލާއަކީ ރައްޔިތުންނަށް އަމާން އަދި ރައްކާތެރި މާހައުލެއް ގާއިމުކޮށްދިނުމުގައި މީޑިއާއާއި ފުލުހުންނާ ދެމެދު އޮންނަ ގުޅުން އިތުރަށް ވަރުގަދަކުރުމަށް މަގުފަހިވެގެންދާނެ ކަމަށް އުއްމީދުކުރައްވާ ކަމަށެވެ.
އެމަނިކުފާނު އިތުރަށް ފާހަގަކުރެއްވި ގޮތުގައި ދެ ފަރާތުން ވެސް އެކަކު އަނެކަކަށް އިހްތިރާމްކޮށް، އެ އިހްތިރާމް ދެމެހެއްޓުމަކީ މުހިންމު ކަމެކެވެ. މި ހަފްލާގައި މީޑިއާތަކުގެ މަސައްކަތް ފާހަގަކޮށް، ކޮންމެ މީޑިއާއަކަށް ވެސް ހަނދާނީ ލިޔުމެއް ދެއްވާފައިވެއެވެ.



