މިރޭވެސް ހުޅުމާލެ ފޭސް ދޭއްގައި ހަވާ އެރުވުމަށް ހަމަޖެހިފައިވާކަމަށް މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ހާމަކޮށްފިއެވެ.
އެމްއެންޑީއެފުން ހާމަކުރިގޮތުގައި މިރޭ ހަވާ އަރުވުމަށް ހަމަޖެހިފައިވަނީ ވިޔަފާރީގެ އުސޫލުން ބާއްވާ ޕްރައިވެޓް އިވެންޓަކަށް ފޭސް ދޭއްގައި އޮންނަ ފަރުކޮޅުފުށީގައެވެ.
އަދި ހަވާ އެރުވުމަށް ހަމަޖެހިފައިވަނީ މިރޭ 21:45ގައި ކަމަށާއި، އަދި ހަވާ އެރުވުން ކުރިއަށްދާނީ ތިން މިނެޓަށް ކަމަށް އެމްއެންޑީއެފުން ބުނެފައިވެއެވެ.
މީގެއިތުރުން، މާދަމާ ރޭވެސް ހުޅުމާލޭގައި ހަވާ އެރުވުމަށް ވަނީ ހަމަޖެހިފައެވެ. މާދަމާގެ ހަވާ އެރުވުމަކީ އިނގިރޭސި ޕްރިމިއާ ލީގްގެ ޗެމްޕިއަންކަން ލިވަޕޫލް ހޯދުމާ ގުޅިގެން އެ ޓީމަށް ސަޕޯޓްކުރާ ފަރާތްތަކުން އިންތިޒާމްކުރާ ހަރަކާތެއް ކަމަށާއި، މި ހަރަކާތް ބޭއްވުމަށް ހަމަޖެހިފައިވަނީ ފޭސް ދޭއްގެ ރުއްގަނޑު ތިނެއް ސަރަހައްދުގައި ކަމަށް އެމްއެންޑީއެފުން މައުލޫމާތު ދެއެވެ.
މާދަމާގެ ހަރަކާތްތައް ފެށުމަށް ހަމަޖެހިފައިވަނީ ރޭގަނޑު 19:30 ގައެވެ. ހަވާ އެރުވުމުގެ އިތުރުން އެ ސަރަހައްދުގައި ބޮޑުބެރު ޝޯއެއްވެސް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.