ވައިގެމަގުން ރާއްޖެއަށް އެތެރެކުރަން އުޅުނު 3.6 ކިލޯގެ މަސްތުވާތަކެތި ކަސްޓަމްސްއިން އަތުލައިގެންފިއެވެ.
ކަސްޓަމްސް އިން ވިދާޅުވީ ރާއްޖެއަށް އެތެރެކުރަން އުޅެނިކޮށް އަތުލައިގަތް މަސްތުވާތަކެތީގެ ބަރުދަނުގައި 3.6 ކިލޯ ހުރި ކަމަށެވެ.
އަތުލައިގަތީ މަސްތުވާތަކެތީގެ ބާވަތެއްކަމަށްވާ މެތަމްފެޓަމައިންއެވެ. މި ތަކެތި އަތުލައިގަތީ މިމަހުގެ 22ވަނަ ދުވަހު ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުންވެ.
މިދިޔަ މަހުގެ 27ވަނަ ދުވަހުގައި ވެސް ކަސްޓަމްސް އިން ވަނީ ވައިގެ މަގުން ރާއްޖެއަށް އެތެރެކުރަން އުޅުނު 1 ކިލޯގެ މަސްތުވާތަކެތިވެސް އަތުލައިގެންފައެވެ.
ބަރުދަނުގައި 1.020 ގުރާމު ހުރި ކޮކެއިން އަތުލައިގަތީ ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުންވެ.
މީގެ އިތުރުން ކަސްޓަމްސްއިން ވަނީ މި އަހަރުގެ މާޗު މަހުގެ 13ވަނަ ދުވަހު ފަތިހު ހިންގި އޮޕަރޭޝަނެއްގައި 3.534 ކިލޯ ގްރާމް ހުރި މަސްތުވާތަކެތި އަތުލައިގެންފައެވެ.
މިގޮތުން އަތުލައިގަތް މަސްތުވާތަކެތީގެ ތެރޭގައި ހިމެނެނީ 1086 ގްރާމް ކެޓަމިން އާއި 2138 ގްރާމް މެތަމްފެޓަމިން އާއި 310 ގްރާމް ހެރޮއިންއެވެ. އަދި އަތުލައިގަތް މިމަސްތުވާތަކެތި މަގުމަތީ އަގު ގާތްގަނޑަކަށް 6.7 މިލިއަން ރުފިޔާއަށް އަރާކަމަށްވެސް ކަސްޓަމްސްއިން ވިދާޅުވިއެވެ.



