ވ. އާރަށާ ގުޅޭގޮތުން ދައުލަތުން ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ މައްޗަށް ދަޢުވާކުރާ މައްސަލަތަކުގައި 25 މޭ ވީ ބުދަ ދުވަހުގެ 09:00 ގައި ކުރިމިނަލް ކޯޓުގައި ކުރިއަށްދިޔަ ޝަރީޢަތުގެ އަޑުއެހުމުގައި، އެމަނިކުފާނުގެ ދިފާޢީ ވަކީލުންނަށް އެރި އޮޅުމެއްގެ ސަބަބުން ޝަރީޢަތުގެ ކުރިން ހުށަހަޅާ ހުށަހެޅުން ބަލައިނުގަތްކަމަށް ބުނެ ބައެއް އޮންލައިން ނޫސްތަކުގައި ރިޕޯޓުކޮށްފައިވާތީ އެކަމަށް ރައްދުދެއްވައިފިއެވެ.
އެކަމަށް ރައްދުދެއްވާފައިވަނީ ވަކީލުންގެ ޓީމުން ނެރުނު ބަޔާނެއްގައެވެ.
އެގޮތުން ބުދަ ދުވަހު އޮތް އަޑުއެހުމުގައި، ދައުލަތުންނާއި ދިފާޢުން ހުށަހެޅި ޝަރީޢަތުގެ ކުރިން ހުށަހަޅާ ހުށަހެޅުންތައް ޝަރީޢަތުން ބަލައި ނުގަތް ނުގަތުމުގައި ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ވަކީލުންނަށް އެއްވެސް އޮޅުމެއް އަރާފައެއް ނުވާކަން ބަޔާންކޮށް އިތުރަށް ބުނެފައިވަނީ ޝަރީޢަތުގެ ކުރިން ހުށަހަޅާ ހުށަހެޅުންތައް ހުށަހެޅުމަށް ދެވޭ މުއްދަތު ގުނުމުގައި ކުރިމިނަލް ކޯޓުން އަބަދު ވެސް މުއްދަތު ގުނަމުން އައިސްފައިވަނީ ހުށަހެޅުންތައް ހުށަހެޅުމަށް ފުރުޞަތު ދޭ ދުވަހާއި، މުއްދަތު ހަމަވާ ދުވަހާއި، އެދޭތެރަށް އަންނަ ސަރުކާރު ބަންދު ދުވަސްތައް ނުލލާ ކަމަށެވެ.
އެހެންކަމުން މި މައްސަލާގައި، ޝަރީޢަތުގެ ކުރިން ހުށަހަޅާ ހުށަހެޅުންތައް ހުށަހެޅުމަށް 15 ދުވަހުގެ މުއްދަތު ދެއްވާފައިވަނީ 11 އޭޕްރިލް 2022 ވަނަ ދުވަހު ކަމަށް ވުމުން ކުރިމިނަލް ކޯޓުން މުއްދަތު ގުނަމުން އައި ގޮތަށް ބަލާއިރު، ޝަރީޢަތުގެ ކުރިން ހުށަހަޅާ ހުށަހެޅުންތައް ހުށަހެޅުމަށް ދެވުނު މުއްދަތު ހަމަވާނީ 10 މެއި 2022 ވަނަ ދުވަހުކަމަށް ވާއިރު ރައީސް ޔާމީންގެ ފަރާތްޕުޅުން ހުށަހަޅާ ޝަރީޢަތުގެ ކުރިން ހުށަހަޅާ ހުށަހެޅުންތައް ހުށަހެޅީ 9 މެއި 2022 ގައިކަން ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.
މި މައްސަލައެކޭ އެއްގޮތަށް ރ. ފުއްގިރިއާ ގުޅޭގޮތުން ރައީސް ޔާމީންގެ މައްޗަށް ދަޢުލަތުން ދަޢުވާކުރާ މައްސަލާގައި ޝަރީޢަތުގެ ކުރިން ހުށަހަޅާ ހުށަހެޅުންތައް ހުށަހެޅުމަށް 10 ދުވަސް ދެއްވުމުން އެ 10 ދުވަސް ގުނާނީ ބަންދުވަސްތައް ލައިގެންތޯ ނޫންތޯ ސާފުކުރުމަށް ކުރިމިނަލް ކޯޓުގައި ސިޓީއަކުން އެދުމުން ޖަވާބުގައި “އެ ކޯޓުގެ ނަންބަރު 410,411/Cr-C/2020 ޤަޟިއްޔާއާގުޅިގެން ޝަރީޢަތުގެ ކުރިން ހުށަހަޅާ ހުށަހެޅުންތައް ހުށަހެޅުމަށް ޝަރީޢަތުން ދީފައިވާ 10 ދުވަހުގެ މުއްދަތު ގުނާނީ ޤާނޫނު ނަންބަރު 2011/4 (މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ޤާނޫނު) ގެ 35 ވަނަ މާއްދާގައި ބަޔާންކުރާ ފަދައިން، ބަންދު ދުވަސްތައް ނުހިމަނާ ކަމުގައި ދެންނެވީމެވެ” މިފަދައިން ބަޔާންކޮށް ޖަވާބު ދެއްވާފައިވާތީ، ވ. އާރަށާ ގުޅޭގޮތުން ދައުލަތުން ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ މައްޗަށް ދަޢުވާކުރާ މައްސަލަތަކުގައި ވެސް ޝަރީޢަތުގެ ކުރިން ހުށަހަޅާ ހުށަހެޅުންތައް ހުށަހެޅުމުގައި އަޅުގަނޑުމެން ބަލާފައިވާނީ ކުރިމިނަލް ކޯޓުން މުއްދަތު ގުނުމުގައި ޢަމަލުކުރަމުން އައިސްފައިވާ އުޞޫލަށް ކަމަސް ބުނެފައިވެއެވެ.
އެހެންކަމުން، ކުރިމިނަލް ކޯޓުގައި މިހާތަނަށް ވެސް މުއްދަތު ގުނަމުން އައީ ބަންދު ދުވަސްތައް ނުލައި ކަމަށްވާތީއާއި، ރައީސް ޔާމީންގެ ފަރާތްޕުޅުން ހުށަހެޅުންތައް ހުށަހެޅީ އެގޮތުގެމަތިން މުއްދަތު ގުނުމަށްފަހު، އެ މުއްދަތުގެ ތެރޭގައި ކަމަށްވާތީ، އެމަނިކުފާނުގެ ވަކީލުންނަށް މިކަމުގައި އޮޅުމެއް އަރާފައެއް ނުވާކަމުގައި ބަޔާނުގައި ހާމަކޮށްފައިވެއެވެ.