ޕޮލިސް ކޮމިޝަނަރުގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ހޯމް މިނިސްޓްރީން ހުޅުވާލައިފިއެވެ. އެ މިނިސްޓްރީން އިއްޔެ ކުރި އިންޓާނަލް އިއުލާނެއްގައި ބުނެފައިވާ ގޮތުން، އެ މަގާމަށް ޝައުގުވެރިވާ ފަރާތްތަކަށް ކުރިމަތިލެވޭނީ އަންނަ ޖޫން މަހުގެ ދެވަނަ ދުވަހުގެ މެންދުރު 12:00ގެ ނިޔަލަށެވެ.
އިއުލާނުގައި ބަޔާންކޮށްފައިވާ ގޮތުން، އެ މަގާމަށް ފުލުހުންގެ ތެރެއިން ކުރިމަތިލެވޭނީ އެސިސްޓެންޓް ކޮމިޝަނަރު އޮފް ޕޮލިސް ރޭންކުން ފެށިގެން މަތީގެ އޮފިސަރުންނަށެވެ. ޕޮލިސް ކޮމިޝަނަރު ކަނޑައެޅުމުގެ ކުރިން، އެ މަގާމަށް ކުރިމަތިލާ ފަރާތްތަކާ ޕޮލިސް ބޯޑުން އިންޓަވިއުކުރުމަށްފަހު، މިނިސްޓަރަށް ހުށަހަޅާ ނަންތަކުގެ ތެރެއިން، މިނިސްޓަރުގެ ލަފަޔާއެކު ރައީސުލްޖުމްހޫރިއްޔާ ވަނީ ކޮމިޝަނަރަކު އައްޔަންކުރައްވާ ގޮތަށް ހަމަޖެހިފައެވެ.
ޕޮލިސް ކޮމިޝަނަރުގެ މަގާމު ހުސްވެފައިވަނީ އެ މަގާމުގައި ހުންނެވި އަލީ ޝުޖާއު މިދިޔަ އޭޕްރީލް މަހުގެ 26 ވަނަ ދުވަހު އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. ފުލުހުންގެ ޚިދުމަތުގައި 18 އަހަރު މަސައްކަތް ކުރެއްވުމަށްފަހު މިމަހު 7 ވަނަ ދުވަހު ޝުޖާޢު ވަނީ އެ ޚިދުމަތުުން ޝަރަފުވެރިކަމާއެކު ރިޓަޔަރކުރައްވާފައެވެ.
ޝުޖާއު އިސްތިއުފާ ދެއްވުމާ ގުޅިގެން، އެންމެ ފުރަތަމަ އެކްޓިން ކޮމިޝަނަރަކަށް ފަރުހާދު ފިކުރީ އައްޔަންކުރެއްވި ނަމަވެސް، އޭގެ ގަޑިއިރެއްގެ ތެރޭގައި އެ މަގާމު އޭނާގެ އަތުން ނަގައި، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް އިސްމާއީލް ނަވީން ވަނީ އެކްޓިން ކޮމިޝަނަރުގެ މަގާމަށް އައްޔަންކުރައްވާފައެވެ.



