ގަވާއިދާ ޚިލާފަށް މަގުމަތީގައި ބަހައްޓާފައި ހުރުމުން ފުލުހުން ޓޯކުރި އުޅަނދުތަކުގެ ތެރެއިން ވެރިފަރާތްތަކުން އަނބުރާ ނުގެންދާ 568 އުޅަނދު ނައްތާލައިފިއެވެ. މިގޮތުން މިދިޔަ ހޮނިހިރު ދުވަހު ނައްތާލި އުޅަނދުތަކުގެ ތެރޭގައި 524 ސައިކަލާއި 44 ކާރު ހިމެނެއެވެ.
ފުލުހުން މިފަދަ އުޅަނދުތައް ނަގަން ފެށީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ފަހުކޮޅުގައެވެ. އޭރު ފުލުހުން ބުނި ގޮތުގައި މިފަދަ އުޅަނދުތައް ނެގުމުގެ މައިގަނޑު ބޭނުމަކީ މަގުމަތީގައި ހިނގާބިނގާވެ އުޅޭ މީހުންނަށާއި އެހެނިހެން އުޅަނދުތަކަށް ކުރިމަތިވާ ދަތިތައް ހައްލުކުރުމެވެ.
ޚާއްސަކޮށް ޕަބްލިކް ޓްރާންސްޕޯޓާއި އިމަޖެންސީ ހާލަތްތަކުގައި ދުއްވާ އުޅަނދުތަކަށް ދިމާވާ ދަތިތައް ހައްލުކުރުމަށް މިކަން މުހިންމު ކަމަށް ފުލުހުން ފާހަގަކުރެއެވެ. އެހެންކަމުން އުޅަނދުފަހަރު ޕާކުކުރަންވާނީ އެކަމަށް ޚާއްސަކޮށްފައިވާ ޒޯންތަކުގައި ކަމަށް ފުލުހުން އަންގައިފައިވެއެވެ.
މިކަމާ ގުޅޭގޮތުން ޓްރާންސްޕޯޓް މިނިސްޓްރީން ކުރިން ދެއްކި ތަފާސްހިސާބުތަކުން ދައްކާގޮތުގައި މާލޭގެ މަގުތަކުގެ 65 އިންސައްތަ ޖާގަ އަބަދުވެސް ބޭނުންކުރެވެނީ އުޅަނދުތައް ޕާކުކުރުމަށެވެ. އަދި މިކަމުގެ ސަބަބުން މަގުމަތީގެ އެކްސިޑެންޓްތައް އިތުރުވަމުންދާކަން ފާހަގަކޮށްފައިވެއެވެ.
މީގެއިތުރުން، ފުލުހުންނާއި އެޗްޑީސީ ގުޅިގެން ހުޅުމާލޭގެ މަގުތަކުން ވެސް ބޭނުންނުކުރާ އުޅަނދުތައް ނަގަމުންދެއެވެ. މިއީ މަގުތަކުގެ ޓްރެފިކް ހަލުއިކޮށް، ރައްޔިތުންނަށް ލުއިފަސޭހަ މާހައުލެއް ގާއިމުކުރުމަށް ކުރެވޭ މަސައްކަތްތަކުގެ ބައެކެވެ.



