ލ. ގަމުގެ ލިންކު ރޯޑުގައި ރޭ ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ސައިކަލެއްގައި ދަތުރުކުރަމުންދިޔަ ދެމީހަކަށް ނުރައްކާތެރި އަނިޔާތަކެއް ލިބިއްޖެއެވެ. މި އެކްސިޑެންޓް ހިނގާފައިވަނީ ރޭ 7:03 ހާއިރުގަ އެވެ.
މި ހާދިސާއާ ގުޅޭގޮތުން މޯލްޑިވްސް ޕޮލިސް ސަރވިސްއިން ހާމަކުރި މަޢުލޫމާތުގައިވާ ގޮތުން، އެކްސިޑެންޓް ހިނގާފައިވަނީ ލިންކު ރޯޑުގެ އުތުރުން ދެކުނަށް ދުއްވަމުންދިޔަ ސައިކަލަކާއި ކާރަކާ ޖެހިގެންނެވެ. މި ހާދިސާގައި ސައިކަލު ދުއްވަމުންދިޔަ 44 އަހަރުގެ ފިރިހެނާގެ ކަނާތު ފައި ދެތަނަކުން ބިންދައި، ބޯފަޅައިގެން ގޮސް، އިތުރު އަނިޔާތަކެއް ވެފައިވެއެވެ.
އަދި ސައިކަލުގެ ފަހަތުގައި އިން ފަސިންޖަރަށްވެސް އެފަދަ އަނިޔާތަކެއް ވެފައެވެ. އެގޮތުން އޭނާގެވެސް ކަނާތު ފައި ދެތަނަކުން ބިންދައި، ބޯފަޅައިގެން ގޮސްފައިވާކަމަށް ފުލުހުން މަޢުލޫމާތު ދެއެވެ.
އެކްސިޑެންޓްގައި ހިމެނޭ ކާރު ދުއްވަމުންދިޔަ 62 އަހަރުގެ ފިރިހެނާއަށް އެއްވެސް އަނިޔާއެއް ލިބިފައިނުވި ނަމަވެސް، ދެ އުޅަނދަށްވެސް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ. ކާރުގެ ކުރީކޮޅު އެއްކޮށް ހަލާކުވެފައިވާއިރު، ސައިކަލުގެ މަޑި ނެއްޓި، މާދުރަށް ގޮސްފައިވާކަން ފާހަގަކުރެވެއެވެ.
މި ހާދިސާއާ ގުޅިގެން ފުލުހުން ދަނީ އިތުރަށް ތަހުގީގުކުރަމުންނެވެ.



