މި އަހަރުގެ ސެޕްޓެމްބަރު މަސް ނިމުމުގެ ކުރިން ރާއްޖޭގެ އެންމެހާ އަތޮޅުތަކުގައި ޑައިލިސިސް ޚިދުމަތް ލިބެން ފަށާނެކަމަށް ހެލްތް މިނިސްޓަރ އަބްދުﷲ ނާޒިމް ވިދާޅުވެއްޖެއެވެ.
ދައުލަތުގެ މީޑިޔާއަށް ދެއްވި އިންޓަވިއުއެއްގައި މިނިސްޓަރ ވިދާޅުވީ، މިހާރު ޑައިލިސިސް ޚިދުމަތް ނުލިބޭ އއ، އދ، ވ، ފ އަދި ދ އަތޮޅުގައި މި ޚިދުމަތް ފެށުމަށް ރޭވިފައިވާ ކަމަށެވެ. އަދި ޚާއްސަކޮށް ޑައިލިސިސް ބޭނުންވާ މީހުން ގިނަ ރަށްތަކަށް އިސްކަންދީގެން މި ޚިދުމަތް ފުޅާކުރެވިގެންދާނެ ކަމަށް ވެސް ވިދާޅުވިއެވެ.
މިނިސްޓަރ އިތުރަށް ފާހަގަކުރެއްވި ގޮތުގައި މިއީ ހަމައެކަނި ޑައިލިސިސްއަށް އަމާޒުކޮށްފައިވާ ސިޔާސަތެއް ނޫނެވެ. މިއީ ރައްޔިތުންގެ ކަންބޮޑުވުންތައް ދެނެގަނެ، އެކަންކަމަށް ހައްލު ހޯދައިދިނުމުގެ މައިގަނޑު ސިޔާސަތުގެ ބައެކެވެ.
މިހާރު މާލޭ ސަރަހައްދުގައި އައިޖީއެމްއެޗް، ހުޅުމާލެ އަދި ވިލިމާލެ ހޮސްޕިޓަލުން ޑައިލިސިސް ޚިދުމަތް ލިބެމުންދެއެވެ. މީގެ އިތުރުން ގިނަ ރީޖަނަލް ހޮސްޕިޓަލްތަކާއި، ފުވައްމުލަކު އަދި އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލުންވެސް މި ޚިދުމަތް ފޯރުކޮށްދެއެވެ. އަދި ބ. އޭދަފުށި އަދި ޅ. ނައިފަރު އަތޮޅު ހޮސްޕިޓަލުން ދޮޅު އަހަރުގެ ކުރިން މި ޚިދުމަތް ފަށާފައިވާއިރު، ފަހުން މ. މުލި، ހއ. އިހަވަންދޫ އަދި ނ. ވެލިދޫގައިވެސް މި ޚިދުމަތް ފެށިފައިވެއެވެ.



