ގާނޫނާއި ގަވާއިދާ ޚިލާފަށް ރާއްޖެއަށް ސިނގިރޭޓު އެތެރެކުރާ ކަމުގެ ތުހުމަތުގައި މިދިޔަ މަހު ހައްޔަރުކުރި ބަނގުލަދޭޝް ރައްޔިތެއްގެ ބަންދު ކްރިމިނަލް ކޯޓުން އިއްޔެ އިތުރުކޮށްފިއެވެ.
މި މައްސަލައިގައި ހައްޔަރުކޮށްފައިވާ 45 އަހަރުގެ އަބްދުލްކަރީމް ހައްޔަރުކޮށްފައިވަނީ މިދިޔަ މަހުގެ 24 ވަނަ ދުވަހުއެވެ. އޭނާގެ ބަންދަށް ކޯޓުން ފުރަތަމަ ދިން 15 ދުވަހުގެ މުއްދަތު ހަމަވުމާ ގުޅިގެން، އިތުރު 15 ދުވަހުގެ މުއްދަތެއް ދިނުމަށް ކޯޓުން ނިންމާފައިވެއެވެ.
ފުލުހުންގެ މަޢުލޫމާތު ދޭގޮތުގައި، ވިލިމާލެ ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ތިލަފުށި ބޯޓުޔާޑުގައި އޮތް ދޯންޏަކުން، މެންޗެސްޓާ ބްރޭންޑްގެ 32 ކާޓަން ސިނގިރޭޓު ފެނިފައިވެއެވެ. މިއީ ގަވާއިދާ ޚިލާފަށް ރާއްޖެއަށް އެތެރެކޮށްފައިވާ ތަކެތި ކަމަށް ތުހުމަތުކުރެވެއެވެ.
ފުލުހުން ފާހަގަކުރި ގޮތުގައި އަބްދުލްކަރީމްއަކީ ގަވާއިދާ ޚިލާފަށް، އެއްވެސް ލިޔެކިޔުމެއް ނެތި ރާއްޖޭގައި ދިރިއުޅެމުންދާ ފަރާތެކެވެ. މި މައްސަލައިގެ ތަޙުޤީޤު ފުލުހުން ކުރިއަށް ގެންދާ ކަމަށް ވެސް މަޢުލޫމާތު ދީފައިވެއެވެ.
ރާއްޖެއަށް ސިނގިރޭޓު އެތެރެކުރުމަށް ޚާއްޞަ ހުއްދަތަކެއް ނަގަންޖެހެއެވެ. ނަމަވެސް މި މައްސަލައިގައި އެ ހުއްދަތައް ނުނަގައި ގާނޫނާ ޚިލާފަށް ސިނގިރޭޓު އެތެރެކުރަން މަސައްކަތްކޮށްފައިވާ ކަމަށް ފުލުހުން ތުހުމަތުކުރެއެވެ.