ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު، ޙައްޖުގެ އަޅުކަން ފުރިހަމަކުރެއްވުމަށް ސަޢޫދީ ޢަރަބިއްޔާއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފިއެވެ.
މެއި 31 ގައި ފެށުނު މި ދަތުރުފުޅުގައި ރައީސްގެ ދެކަނބަލުންނާއެކު ސަރުކާރުގެ އިސް ބޭފުޅުންނާއި ވަޒީރުން ހިމެނޭ ވަފުދެއް ބައިވެރިވެވަޑައިގެންނެވިއެވެ. ރައީސް އޮފީހުން ހާމަކުރެއްވި ގޮތުގައި މި ވަފުދުގެ ހުރިހާ ބޭފުޅުންނަށް ސަޢޫދީ ސަރުކާރުގެ ފަރާތުން ޚާއްޞަ މެހްމާންދާރީއެއް ދެއްވާފައިވެއެވެ.
ދަތުރުފުޅުގެ ތެރޭގައި ރައީސް މުޢިއްޒު ވަނީ ސަޢޫދީ ޢަރަބިއްޔާގެ ވަލީޢަހްދު އަދި ބޮޑުވަޒީރު، ޕްރިންސް މުޙައްމަދު ބިން ސަލްމާނާ ބައްދަލުކުރައްވައި، ދެ ޤައުމުގެ ގުޅުން އިތުރަށް ހަރުދަނާކުރެއްވުމާ ގުޅޭ މަޝްވަރާތައް ކުރައްވާފައެވެ.
އަދި ސަޢޫދީ އަރަބިއްޔާގެ ޙައްޖު އަދި އުމްރާގެ ވަޒީރު ޑރ. ތައުފީޤު ބިން ފައުޒާން އައްރަބީޢާއާ ބައްދަލުކުރެއްވުމުގައި، މައްކާ ރޫޓް އިނީޝިއޭޓިވްގެ ސަބަބުން ދިވެހި ޙައްޖާޖީންނަށް ލިބުނު ފަސޭހަތަކާއި، އެ ޤައުމުގައި ހުރުމުގެ އިންތިޒާމުތަކުގެ ފުރިހަމަކަމަށް ރައީސް މުޢިއްޒު ވަނީ ޝުކުރުވެރިކަމާއެކު ތަޢުރީފުކުރައްވާފައެވެ.