ދީނީ އިލްމުވެރިއެއްގެ ގޮތުގައި ގިނަ ޚިދުމަތްތަކެއް ކުރައްވާފައިވާ ފަޟީލަތުއްޝައިޚް އިބްރާހީމް ފަރީދު އަޙްމަދު އަވަހާރަވެއްޖެއެވެ. ޝައިޚް ފަރީދު އަވަހާރަވެވަޑައިގެންނެވީ މެލޭޝިޔާގެ އެއަރޕޯޓަށް ހިދުމަތް ޖަމްޢިއްޔާގެ ޓީމަކާއެކު ވަޑައިގަތުމަށްފަހުގައެވެ.
ޝައިޚް ފަރީދުގެ އަވަހާރަވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ފުން ހިތާމަ ފާޅުކުރައްވާފައެވެ. އެގޮތުން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ، ޝައިޚް ފަރީދަކީ ޚުލްޤު ހެޔޮ، އަޅުވެރިއެއް ކަމަށާއި، ދީނީ ކަންކަމަށް މަގު ދެއްކެވުމުގައި އެ މަނިކުފާނު އަދާކުރެއްވި ހީވާގި އަދި ހިތްވަރުގަދަ ދައުރުގެ ހަނދާންތަކަށް ނިމުމެއް ނެތް ކަމަށެވެ.
ޝައިޚް ފަރީދަކީ އިސްލާމްދީނުގެ ކަންކަން އޮޅުންފިލުވައިދެއްވައި، ހެޔޮ ކަންކަމަށް ނަސޭހަތް ދެއްވުމުގައި ހުރިހާ ވަގުތެއް ހޭދަކުރައްވަމުން ގެންދެވި ދީނީ ޢިލްމުވެރިއެކެވެ. އަދި އިސްލާމްދީނާއި ރަސޫލާގެ ސުންނަތަށް މީހުން ހޭލުންތެރިކުރުމަށް ތަފާތު ގިނަ ދަރުސްތަކެއް ދެއްވާފައިވާ ބޭކަލެކެވެ.
ރައީސް މުޢިއްޒު ވަނީ މަރްޙޫމް ޝައިޚް ފަރީދު އިސްލާމް ދީނަށްޓަކައި ކޮށްދެއްވި އިޙްސާންތެރި މަސައްކަތްޕުޅުތަކުގެ ދަރުމައާއި ޘަވާބު، އެންމެ ހެޔޮ ގޮތުގައި މާތްﷲ ދެއްވުމަށާއި، ސުވަރުގޭގެ ދާއިމީ ނިޢުމަތުގައި ލެހެއްޓެވުމަށް އެދި ދުއާ ކުރައްވާފައެވެ. އަދި އާއިލާއަށް ކެތްތެރިކަން މިންވަރުކުރެއްވުމަށް ދުޢާ ކުރައްވާފައިވެއެވެ.