ހ. މިޓާޒް ގޭގެ ފުރާޅުމައްޗަށް ވެއްޓުނު ހައްވާ ޔުމްނު ރަޝީދުގެ މައްސަލައިގައި، އެ ވަގުތު އޭނާއާއެކު ހުރި ރައުދު އަހުމަދު ޒިލާލުގެ މައްޗަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ޖިނާއީ ދައުވާއެއް އުފުލައިފިއެވެ.
“އެހީއަށް ބޭނުންވެފައިވާ މީހަކަށް އެކަށީގެންވާ ސަބަބެއްނެތި އެހީތެރިކަން ފޯރުކޮށްނުދިނުން” މި ކުށުގެ ދަޢުވާ ރައުދުގެ މައްޗަށް އުފުލާފައިވާއިރު، މި ކުށަށް ކަނޑައެޅިފައިވާ އަދަބަކީ އެއް މަހާއި ހަ މަސްދުވަހުގެ މުއްދަތަށް ޖަލަށްލުމެވެ.
މި އަހަރުގެ އޭޕްރީލް 18 ވަނަ ދުވަހުގެ ރޭ ހިނގި މި ހާދިސާގައި، ހ. ފެންޓެނޯއީ ގޭގެ ނުވަވަނަ ފަންގިފިލާގެ ސިޑިގޮޅީގައި ހުންނަ ފެންލައިޓުން ޔުމްނު ވެއްޓުނު އިރު، ރައުދު އެތަނުގައި ހުރިކަން އެނގިހުރެވެސް އެއްވެސް އެހީތެރިކަމެއް ފޯރުކޮށްދީފައި ނުވާކަމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ބުނެއެވެ. އަދި އެ ކަން އެއްވެސް ކަމާބެހޭ އިދާރާއަކަށް އަންގާފައިނުވާކަމަށްވެސް ފާހަގަކޮށްފައިވެއެވެ.
ފުލުހުންގެ ތަހުގީގަށް ހާމަވެފައިވާ ގޮތުގައި، ހާދިސާ ހިނގި ރޭ ރައުދު އާއި ޔުމްނުއާ ދެމެދު ހަމަނުޖެހުމެއް ހިނގާފައިވެއެވެ. އަދި ރައުދުގެ ކިބައިން ނެގުނު މަސްތުވާތަކެތީގެ ޓެސްޓުން ކެނެބިސްއަށް ޕޮޒިޓިވްވެފައިވާކަން ވަނީ ފާހަގަކުރެވިފައެވެ.
މި މައްސަލައިގައި ރައުދު ފުރަތަމަ ހައްޔަރުކުރެވުނީ ހާދިސާ ހިނގިތާ ހަ ދުވަސް ފަހުން، އޭޕްރީލް 25 ގައެވެ. އޭގެ އެއް މަސް ފަހުން، މޭ 25 ގައި ފުލުހުން ވަނީ މި މައްސަލަ ދަޢުވާކުރުމަށްޓަކައި ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާފައެވެ.