މެލޭޝިއާގައި އިއްޔެ އަވަހާރަވި ދީނީ އިލްމުވެރިޔާ ޝެއިހް އިބްރާހިމް ފަރީދު އަހުމަދުގެ ޖަނާޒާ އެ ގައުމުގައި ބޭއްވުމަށް އާއިލާއިން ވަނީ ނިންމާފައެވެ. އާއިލާއިން މި ނިންމުން ނިންމީ ހަށިގަނޑު ރާއްޖެ ގެނައުމުގައި ހުރި ގޮންޖެހުންތަކަށް ރިއާޔަތްކޮށްފައެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި، ޝެއިހްގެ ހަށިގަނޑު ރާއްޖެ ގެނައުމަށް އާއިލާއިން މަސައްކަތްކުރި ނަމަވެސް، މެލޭޝިއާއިން ހަށިގަނޑު ގެންނަން ޖެހޭނީ ޕޯސްޓްމޯޓަމް ހެދުމަށްފަހުގައި ކަމަށް ވުމުން، އާއިލާއިން އެކަމަށް އިއުތިރާޒު ކުރައްވައި، ޖަނާޒާ މެލޭޝިއާގައި ބޭއްވުމަށް ވަނީ ނިންމާފައެވެ.
ޝެއިހް ފަރީދު އަވަހާރަވެވަޑައިގަތީ މެލޭޝިއާގެ އެއާޕޯޓުގައި ވެއްޓިވަޑައިގަތުމާ ގުޅިގެން ދެވުނު އަވަސް ފަރުވާ ކާމިޔާބު ނުވުމުންނެވެ. ޝެއިހް ފަރީދު އެ ގައުމަށް ވަޑައިގެންނެވީ ބައްދަލުވުމެއްގައި ބައިވެރިވެ ވަޑައިގަތުމަށެވެ.
ދީނީ އަދި އިޖުތިމާއީ ހަރަކާތްތެރިއެއް
ޝެއިހް ފަރީދަކީ ދިވެހިރާއްޖޭގައި ގިނަ ބައެއްގެ ލޯބި ލިބިވަޑައިގެންފައިވާ ދީނީ އިލްމުވެރިއެކެވެ. އެމަނިކުފާނު ދެއްވި ދީނީ ދަރުސްތަކަކީ ގިނަ ބައެއްގެ ޝައުގުވެރިކަން ލިބިފައިވާ ދަރުސްތަކެކެވެ. އަދި އިސްލާހީ ހަރަކާތުގައި ވެސް އިސް ދައުރެއް އަދާކުރައްވާފައިވެއެވެ.
އިސްލާމްދީނުގައި މަޝްވަރާކުރުމާއި ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމަށް ވަކާލާތު ކުރެއްވުމުގައި ޝެއިހް ފަރީދު އަކީ އިސް ދައުރެއް އަދާކުރެއްވި ބޭފުޅެކެވެ. އަދި އެމްޑީޕީގެ އިސްލާމީ މަޝްވަރާ މަޖިލީހުގެ އިސް މެންބަރެއްގެ ގޮތުގައި ވެސް މަސައްކަތް ކުރައްވާފައިވެއެވެ.