ގަސް ޕޮޓްތަކެއްގައި ފޮރުވައިގެން ރާއްޖެ އެތެރެ ކުރަން އުޅުނު 26 މިލިއަން ރުފިޔާގެ މަސްތުވާތަކެތި ކަސްޓަމްސްއިން އަތުލައިގެންފި އެވެ. ރޭ ކަސްޓަމްސް އިން ހިންގި މި އޮޕަރޭޝަނަކީ މި އަހަރު މިހާތަނަށް އެއްފަހަރާ އެންމެ ގިނަ އަދަދަކަށް މަސްތުވާތަކެތި އަތުލައިގަތް އޮޕަރޭޝަނެވެ.
އެގޮތުން ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާން ވަނީ ކަސްޓަމްސްއިން ހިންގި ހާއްސަ އޮޕަރޭޝަނެއްގައި، 18.62 ކިލޯގެ މަސްތުވާތަކެތި ރާއްޖެ އެތެރެ ކުރަން އުޅެނިކޮށް އަތުލައިގެންފައިވާ ކަމަށާއި މި ތަކެތީގެ މަގުމަތީ އަގު ގާތްގަނޑަކަށް 26 މިލިއަން ރުފިޔާއަށް އަރާނެ ކަމަށް ވިދާޅުވެފައެވެ.
ކަސްޓަމަސްއިން ހާމަކުރިގޮތުގައި ރޭ އަތުލައިގެންފައިވަނީ މަސްތުވާތަކެތީގެ ބާވަތެއް ކަމުގައިވާ ކެނަބިނޮއިޑްސް އެވެ.
“ރާއްޖެ މަސްތުވާތަކެތިން އެއްކޮށް ސަލާމަތްކުރުމަށް ކުރެވޭ މަސައްކަތްތަކުގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާގެ ހާއްސަ އިރުޝާދުތަކާ އެއްގޮތަށް ރާއްޖޭގެ ބޯޑަރު ފުރިހަމަޔަށް ބެލެހެއްޓުމަށް ކަސްޓަމްސްގެ މުވައްޒަފުން ކުރައްވާ އަގުހުރި ބުރަ މަސައްކަތަށް ޝުކުރުދަންނަވަން،” މިނިސްޓަރު އިހުސާން އިތުރަށް ވިދާޅުވިއެވެ.
މި އަހަރުގެ ތެރޭގައި ދެވަނައަށް އެންމެ ގިނައިން މަސްތުވާތަކެތި އަތުލައިގަތީ މިދިޔަ ފެބްރުއަރީ މަހުއެވެ. އެއީ 14 ކިލޯގެ މަސްތުވާތަކެއްޗެވެ. ނަމަވެސް މިދިޔަ އަހަރުގެ ނޮވެމްބަރު މަހު އަތުލައިގަތް 400 ކިލޯގެ މަސްތުވާތަކެތި އަދިވެސް ރެކޯޑެއްގެ ގޮތުގައި ދެމިއެބައޮތެވެ. އެ ތަކެތީގެ މަގުމަތީ އަގު 1 ބިލިއަން ރުފިޔާއަށް އަރައެވެ.
މިނިސްޓަރު އިހުސާން އިތުރަށް ވިދާޅުވި ގޮތުގައި، މަސްތުވާތަކެތީގެ ވިޔަފާރިކުރާ ފަރާތްތަކަށް ފަހިކޮށް އޮތް މާހައުލު ނައްތާލައި އެފަރާތްތަކާ ގާނޫނު ދަނީ އަރާހަމަކުރަމުންނެވެ.