ޑައިވިނަށް ފޭބި ޖަޕާނު ފަތުރުވެރިއަކު ގެއްލިގެން ހޯދުމުގެ މަސައްކަތުގައި، އެމްއެންޑީއެފް މާލޭ އޭރިއާ ކޮމާންޑް، ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަންއިން ހަރަކާތްތެރިވާން ފަށައިފިއެވެ.
މި ހާދިސާގައި ގެއްލިފައިވަނީ، މިއަދު ހެނދުނު މާފުށި ގެސްޓުހައުސްއަކުން ފަތުރުވެރިން ގޮވައިގެން އެ ރަށް ކައިރީ އޮންނަ ކަނޑޫމާތިލަ ކައިރިއަށް ދިޔަ އުޅަނދަކުން ޑައިވިނަށް ފޭބި 26 އަހަރުގެ ޖަޕާނު ފިރިހެނެކެވެ.
ގެއްލިގެން ހޯދަމުންދާ ފަތުރުވެރިޔާ އަޅާފައި ހުރީ ކަޅު ކުލައިގެ ޑައިވިންގ ގިއަރެކެވެ. އަދި ހުދު ކުލައިގެ މާސްކެކެވެ.
މި ހާދިސާގެ މަޢުލޫމާތު އެމްއެންޑީއެފް ކޯސްޓްގާޑް، މެރިޓައިމްޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރ (އެމްއާރުސީސީ)އަށް މިއަދު 10:02 ހާއިރު ލިބުމާ އެކު، އެމްއެންޑީއެފް މާލޭ އޭރިއާ ކޮމާންޑް، ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަންއިން ދަނީ ޑައިވަރުންނާ އެކު ޙާދިސާ ހިނގައިގެން އުޅޭ ސަރަޙައްދަށް ގޮސް ފަތުރުވެރިޔާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.