ރާއްޖެއަށް މުޑާ އެތެރެކޮށް، މާލޭ ވިޔަފާރި ބަނދަރުގައި ނުގެންގޮސް ގިނަދުވަހު ބެހެއްޓިފައިވާ މުދާތައް ނީލަމުގައި ވިއްކާލުމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ނިންމައިފިއެވެ.
އެމްޕީއެލްއިން މިކަމާ ގުޅޭގޮތުން ދީފައިވާ މަޢުލޫމާތުގައިވާ ގޮތުން، މި ނީލަން ބޭއްވުމަށް ހަމަޖެހިފައިވަނީ 2025 ޖޫން 15 ވާ އާދީއްތަ ދުވަހުގެ 14:00 އިން 2025 ޖޫން 16 ވާ ހޯމަ ދުވަހުގެ 14:00 އަށެވެ. ނީލަމުގައި ވިއްކާލުމަށް ހަމަޖެހިފައިވާ މުދާ ބެލުމުގެ ފުރުސަތު އިއްޔެވަނީ ހުޅުވާލާފާއެވެ.
މި ނީލަމުގައި ބައިވެރިވެވޭނީ އެމްޕީއެލްގެ އޮކްޝަން ޕޯޓަލްއަށް ސަބްސްކްރައިބް ކޮށްފައިވާ ފަރާތްތަކަށެވެ.
ނީލަމަށް އަގު ހުށަހެޅުން ބަންދުވާނީ އެންމެ ފަހުން ހުށަހަޅާ އަގު ހުށަހަޅާތާ 5 މިނެޓްގެ ވަގުތު ދިނުމަށްފަހުއެވެ. އަދި އެ ވަގުތުގެ ތެރޭގައި އިތުރު އަގެއް ހުށަހަޅައިފިނަމަ އިތުރު 5 މިނެޓް ދެވޭނެއެވެ.
އެމްޕީއެލުން ވަނީ ސްކްރެޕްގެ ގޮތުގައި ނީލަމުން ނަގާ މުދާ ކްލިއަރ ކުރެވޭނީ ހަމައެކަނި ރީ-އެކްސްޕޯޓް ކުރެވޭ ގޮތަށް ކަމަށާއި އަދި މުދާ ކްލިއަރ ކުރުމަށް 10 ދުވަހުގެ ހިލޭ ސްޓޯރޭޖް މުއްދަތެއް ދެވޭނެކަމަށް ބުނެފައެވެ. އަދި މި ނީލަމުގައި ނުވިކޭ މުދާ ދެވަނަ ފަހަރަށް ނީލަން ކިޔުމަށް އިޢުލާން ކުރެވޭނީ އެމްޕީއެލްގެ އޮކްޝަން ޕޯޓަލް މެދުވެރިކޮށެވެ.