ތަޢުލީމީ އަދި ސިއްޙީ ދާއިރާ ކުރިއެރުވުމަށް އަމާޒުކޮށްގެން ބާއްވާ “މޯލްޑިވްސް އިންޓަރނޭޝަނަލް އެޑިޔުކޭޝަން އެންޑް ވެލްނެސް އެކްސްޕޯ 2025” މިއަދު އިފްތިތާހުކޮށްފިއެވެ. މި އެކްސްޕޯ ފައްޓަވައިދެއްވީ މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވަޒީރު ޑރ. ޢަލީ ހައިދަރު އަޙްމަދެވެ.
މާލޭ ސެންޓްރަލް ޕާކުގައި ކުރިއަށްދާ މި އެކްސްޕޯގައި ބޭރުގެ ތަޢުލީމީ މަރުކަޒުތަކާއި ސިއްޙީ ދާއިރާގެ މުއައްސަސާތަކުން ބައިވެރިވެއެވެ. އެކްސްޕޯ ކުރިއަށްދާނީ ޖޫން 13 އިން 15 އަށް، ކޮންމެ ދުވަހެއްގެ ހަވީރު 3 އިން ރޭގަނޑު 10:30 އަށެވެ.
މި އެކްސްޕޯގެ މުހިންމު އެއް މަޤްޞަދަކީ ދަރިވަރުންނަށް އެމީހުންގެ މުސްތަޤްބަލަށް އެންމެ އެކަށޭނަ ދާއިރާތައް ހޯދުމަށް އެހީތެރިވުން ކަމަށް މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވުޒާރާ އިން ބުނެފައިވެއެވެ. މީގެ އިތުރުން، މިހާރު ވަޒީފާ އަދާކުރާ ފަރާތްތަކަށް އިތުރު ކުރިއެރުން ހޯދުމަށް ބޭނުންވާ މަޢުލޫމާތު ފޯރުކޮށްދިނުމަކީވެސް މި އެކްސްޕޯގެ މުހިންމު އަމާޒެކެވެ.
މި އެކްސްޕޯގައި ބައިވެރިވުމުގެ ފުރުޞަތު އާންމުންނަށް ހުޅުވާލެވިފައިވާއިރު، ތަޢުލީމީ އަދި ސިއްޙީ ދާއިރާއާ ގުޅޭ ފުރިހަމަ މަޢުލޫމާތު މި އެކްސްޕޯއިން ލިބެން ހުންނާނެ ކަމަށް އިންތިޒާމުކުރާ ފަރާތުން މަޢުލޫމާތު ދެއެވެ.