މި އަހަރުން ފެށިގެން އޮގަސްޓު 30 އަކީ “ދިވެހިރާއްޖޭގެ އިންޖިނޭރުންގެ ދުވަސް” ގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކަނޑައަޅުއްވައިފިއެވެ.
ޤައުމީ އިންޖިނޭރުންގެ ދުވަސް ދުވަސް މި ތާރީޚަށް ކަނޑައެޅުއްވުމުގައި އެންމެ މުހިންމު އެއް ސަބަބަކީ، ރާއްޖޭގެ އެންމެ ބޮޑު އުމްރާނީ ތަރައްޤީގެ މަޝްރޫޢު ކަމަށްވާ ސިނަމާލެ ބްރިޖް ހުޅުވުނު ދުވަހަކީވެސް އޮގަސްޓު 30 ކަމަށްވުން ކަމަށް ރައީސް އޮފީހުން ވަނީ ބުނެފައެވެ. މީގެ އިތުރުން، އިންޖިނޭރުންގެ ދުވަހެއްގެ ގޮތުގައި ފާހަގަކުރުމަށް މި ދުވަހަކީ އެންމެ އެކަށޭނަ ދުވަސްކަމަށް ފެނިވަޑައިގެންނެވިކަމަށްވެސް ރައީސް އޮފީހުގެ ބަޔާނުގައި ބުނެފައިވެއެވެ.
ރައީސް އޮފީހުން ހާމަކުރިގޮތުގައި މި ދުވަސް ފާހަގަކުރުމުގެ އެންމެހައި ކަންކަން ބަލަހައްޓަވާނީ މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރުންނެވެ.
އިންޖިނޭރުންގެ ދުވަހެއް ކަނޑައެޅުއްވުމުން، ޤައުމުގެ ތަރައްޤީއަށް އިންޖިނޭރުން ކުރައްވާ މަސައްކަތް ފާހަގަކޮށް، އެ ދާއިރާގެ ފަންނީ މީހުންގެ ޚިދުމަތަށް އަގުވަޒަންކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ.