ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން 2025 އިން 2030 އަށް އަމާޒުކޮށް އެކުލަވާލާފައިވާ އާ ސްޓްރެޓެޖިކް ޕްލޭން އިއްޔެ ލޯންޗްކޮށްފިއެވެ. އެޗްޑީސީގެ މި ޕްލޭނަކީ ހުޅުމާލޭގެ ދިރިއުޅުމުގެ ފެންވަރު މަތިކޮށް، ދެމެހެއްޓެނިވި ގޮތެއްގައި ތަރައްޤީކުރުމަށް އަމާޒުކޮށް އެކުލަވާލާފައިވާ ޕްލޭނެކެވެ.
ވިޝަން އަދި ސްޓްރެޓެޖިކް ލަނޑުދަނޑިތައް
މި ޕްލޭންގައި މައިގަނޑު ގޮތެއްގައި އަމާޒުކޮށްފައިވަނީ ހުޅުމާލޭގެ ދިރިއުޅުމުގެ ފެންވަރު މަތިކުރުމަށެވެ. މިގޮތުން 2023 ވަނަ އަހަރުގެ ލިވަބިލިޓީ އިންޑެކްސްއަށް ބިނާކޮށް، ދެމެހެއްޓެނިވި އަދި މުޖުތަމައުއަށް އަމާޒުކުރެވިފައިވާ ތަރައްޤީގެ މަޝްރޫއުތަކެއް ކުރިއަށް ގެންދިއުމަށް ވަނީ ރޭވިފައެވެ.
ޑިޖިޓަލް އަދި ސްމާޓް ސިޓީގެ ވިސްނުން
އެޗްޑީސީގެ އާ ޕްލޭންގައި ޑޭޓާއަށް ބިނާކޮށް ނިންމުންތައް ނިންމުމާއި، ޖިއޯގްރަފިކަލް އިންފޮމޭޝަން ސިސްޓަމް (ޖީއައިއެސް) ބޭނުންކޮށްގެން ޝަހަރު ތަރައްޤީކުރުމަށް ވަނީ އިސްކަންދީފައެވެ. މީގެ އިތުރުން އިންޓަރނެޓް އޮފް ތިންގްސް (އައިއޯޓީ) އަދި ޑިޖިޓަލް ހައްލުތައް ބޭނުންކޮށްގެން ވަސީލަތްތައް ބެލެހެއްޓުމަށްވެސް ވަނީ ރޭވިފައެވެ.
ތިމާވެށި އަދި އީއެސްޖީ އުސޫލުތައް
ތިމާވެއްޓާ ރައްޓެހި އަދި ދެމެހެއްޓެނިވި ތަރައްޤީއަށް އިސްކަންދީގެން، މަޝްރޫއުތައް ރޭވުމުގައި ތިމާވެށި، އިޖުތިމާއީ އަދި ހިންގުމުގެ އުސޫލުތަކަށް ޚާއްސަ ސަމާލުކަމެއް ދޭން ވަނީ ކަނޑައަޅާފައެވެ. މީގެ ތެރޭގައި މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތަކާއި، ކުނި މެނޭޖްކުރުމުގެ ހައްލުތައް ހިމެނެއެވެ.
ބައިވެރިވުމާއި މޮނިޓަރިންގ
މި ޕްލޭން ތަންފީޒުކުރުމުގައި ޔޫއެންޑީޕީ، މޯލްޑިވްސް އެކްސެލެރޭޓަރ ލެބް، ސަރުކާރުގެ އިދާރާތަކާއި އަމިއްލަ ސެކްޓަރާއެކު ގުޅިގެން މަސައްކަތްކުރުމަށް ވަނީ ރޭވިފައެވެ. އަދި މުޖުތަމައުގެ ބައިވެރިވުން އިތުރުކޮށް، ހާމަކަން ބޮޑު ގޮތެއްގައި މަޝްރޫއުތައް ކުރިއަށް ގެންދިއުމަށްވެސް ވަނީ އިސްކަންދީފައެވެ.



